ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އ.ދ.ގެ ސެކެރެޓަރީ ޖެނެރަލްއާ މިރޭ އިރާކޮޅު ފޯނުން ގުޅުއްވައި ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިހާރު ހިނގާ ބައެއް ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތުދެއްވައިފިއެވެ.މި ފޯންކޯލްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި، ސިޔާސީ ޕާޓީތަކާއެކު ފަށާފައިވާ މަޝްވަރާތަކާ ގުޅޭމަޢުލޫމާތު ދެއްވާފައިވާކަމަށް ފޮރިންގ މިނިސްޓްރީން މައުލޫމާތުދެއްވައެވެ. އަދި މި މަޝްވަރާތަކުގައި އިދިކޮޅު އެމް.ޑީ.ޕީއަށް ޝަރުތަކާ ނުލައި ބައިވެރިވުމަށް ދޮރު ހުޅުވާލެވިފައިވާކަން ރައީސް ޔާމީން، އދ ގެ ސެކްރެޓަރީ ޖެނެރަލަށް ކަށަވަރުކޮށްދެއްވާފައިވެއެވެ.މި ފޯން ކޯލުގައި، ސެކެޓެރީ ޖެނެރަލް އޮޅުންފިލުވަން ބޭނުންފުޅުވި ބައެއް މަޢުލޫމާތު ސާފުކޮށްދެއްވަމުން ރާއްޖޭގައި ސިޔާސީ ކުއްވެރިންނެއް ނުތިބޭނެކަމަށާއި ނަމަވެސް ޖިނާޢީ ކުށްތައްކޮށްފައިވާކަމަށް ޝަރީޢަތަށް ސާބިތުވެފައިވާ ކުށްވެރިންގެ ތެރޭގައި ބައެއް ސިޔާސީ ބޭފުޅުން ހިމެނޭކަމުގައި ރައީސް ވިދާޅުވެފައިވާކަމަށްވެސް ފޮރިންގ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.މިގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދުގެ ޝަރިޢަތާބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވާކަމަށް ފޮރިންގ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ. އަދި ރައީސް ޔާމީންގެ ވާހަކަފުޅުގައި ރައީސް ނަޝީދުގެ އަދަބު ލުއިކޮށްދެއްވުމަށް އެމަނިކުފާނާއި އެމަނިކުފާނުގެ ޤާނޫނީ ވަކީލުން އެދިވަޑައިގެންނެވި ކަމަށާއި ނަމަވެސް މައްސަލަ އިސްތިޢުނާފްކޮށް ރާއްޖޭގެ ޝަރުޢީ ހުރިހާ މަރުހަލާއެއް ނިންމެވުމަށް ރައީސް ނަޝީދަށް ޖަވާބުދެއްވިކަމަށް ރައީސް ޔާމިން ސެކެޓްރީ ޖެނެރަލް އަރިހު ވިދާޅުވިއެވެ.މިފޯންކޯލްގައި ރައީސް ޔާމިން ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަޙު އިތުރަށް ފިނިކުރުމަށް ސަރުކާރަށް އެހީވުމަށްޓަކައި އ.ދ. ގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކުރުމަށް ސެކެޓްރީ ޖެނެރަލް އަރިހު ރައީސް އެދިވަޑައިގެންނެވިކަމަށާއި، އަދި ރައީސްގެ މި އެދިވަޑައިގަތުމަށް ސެކެޓްރީ ޖެނެރަލް މަރުޙަބާ ވިދާޅުވެފައިވާކަމަށްވެސް ފޮރިންގ މިނިސްޓްރީން މައުލޫމާތުދެއްވައެވެ.