ޚަބަރު

އިންކަމްޓެކްސް ބިލާއެކީ ނުހައްގު މުއްސަދިކަން ނެތިގެންދާނެ - ވަހީދު


ޢާމްދަނީން ޓެކްސް ނެގުމުގެ ބިލާއެކު މުއްސަދިންނާއި ނިކަމެތިންގެ ފަރަޤު ކުޑަވެ ނުހައްޤުން މުއްސަނދިވާން އޮތް ފުރުސަތު ހަނިވެގެންދާނެކަމަށް މިބިލް މަޖިލީހަށް ހުށަހެޅުއްވި އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ލިބޭ ޢާމްދަނީން ޓެކްސް ނެގުމުގެބިލު ނުވަތަ "އިންކަމް ޓެކްސް"ގެ ބިލް ހުށަހަޅުއްވައި ވާހަކަފުޅު ދައްކަވަމުން އުގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު ވިދާޅުވީ މިބިލު ހުށަހެޅުއްވުމުގެ އެންމެ ބޮޑު މަޤްސަދަކީ ޓެކްސްގެ ނިޒާމުގެ ތެެރޭގައިއޮތް ފަރަޤު ނައްތާލުންކަމަށެވެ. މިބިލާއެކު ނުހައްޤު މުއްސަދިކަމާއި ނުހައްގު ތަނަވަސްކަން ހޯދާ ފަރާތްތަކަށް އެފުރުސަތު ބަންދުވެގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ ޓެކްސްގެ ނިޒާމެއް ރާއްޖެއަށް ތަޢާރަފް ކޮށްފައިވަނީ 2011ވަނަ އަހަރުގައި އެމްޑީޕީގެ ވެރިކަމުގައިކަމަށެވެ. ނަމަވެސް ފަރުދުންގެ އަތުން ޓެކްސް ނެގޭނެ ގޮތެއް ޓެކްސްގެ ނިޒާމުގެ ތެރެއަށް އަދާއިހަމައަށްވެސް ތަޢާފަރް ނުވެ އޮތުމުގެ ސަބަބުން މުއްސަދި މީހާ މުއްސަދިވުން ނޫންގޮތެއް ރާއްޖޭގައި ނެތްކަމަށެވެ. ވަހީދު ވިދާޅުވީ މިބިލާއެކު މުއްސަދިންގެ އަތުން ޓެކްސްނެގި ދައުލަތަށާއި ޢާންމު ރައްޔިތުންނަށް އެއިން ފައިދާވާނެކަމަށެވެ.

އިންކަމް ޓެކްސް ނެގުމަށް ސަރުކާރުން ހުށަހަޅާފައިވަނީ މަހަކު 40000 ރުފިޔާއަށްވުރެ އިތުރަށް ޢާމްދަނީ ލިބޭ ފަރާތްތަކުގެ އަތުންނެވެ. އެގޮތުން 40000 އާއި 60000 އާ ދެމެދުގެ ޢާމްދަނީއެއް ލިބޭ ފަރާތެއްނަމަ %8ގެ ރޭޓުން، 60000 އާއި 100000އާ ދެމެދުގެ ޢާމްދަނީއެއް ލިބޭ ފަރާތެއްނަމަ %10ގެ ރޭޓުން އަދި 10000އަށްވުރެ މަތިން ޢާމްދަނީ ލިބޭ ފަރާތެއްނަމަ އިންކަމް ޓެކްސްގެ ގޮތުގައި %15 ނެގުމަށް އިންކަމް ޓެކްސްގެ ޤާނޫނުގެ ބިލުގައި ހުށަހަޅާފައިވެއެވެ.

މިބިލަށް ވާހަކަ ދެއްކެވި މެމްބަރުން ވަނީ ބިލަށް ވަރަށްބޮޑަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވާފައެވެ. އަދި މިބިލުގެ ސަބަބުން ރާއްޖޭގައި ތިބި ބޮޑެތި ވިޔަފާރިވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާފަދަ ދާއިރާތަކުގެ އިސްމަޤާމުތަކުގައި ތިއްބެވި ބޭރުގެ ފަރާތްތަކުގެ އަތުންވެސް ޓެކްސް ނެގިގެންދާނެކަމަށެވެ. ރާއްޖެއަކީވެސް ހަމަހަމަ ކަމާއި އިންސާފުވެރިކަމާއިކީ ހުރިހާ ރައްޔިތުންގެ މެދުގައި ކަންކަން ކުރެވޭ ޤައުމަކަށް ވާންޖެހޭކަމަށް މެމްބަރުން ވިދާޅުވެފައިވެއެވެ. މިބިލަށް ވާހަކަ ދެއްކެވި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްވަނީ ހުރިހާ ސަރުކާރަކުންވެސް ވިޔަފާރި ވެރިންނަށް އިހުމާލުވަމުންދާކަމަށް ވިދާޅުވެފައެވެ. އިންކަމް ޓެކްސް ނެގުމަކީ މައްސަލައެއް ނޫންކަމަށް ވިދާޅުވި ނަމަވެސް އޭނާ ވިދާޅުވީ މިކަން ކުރަންޖެހޭ ވިޔަފާރި ވެރިންނަށްވެސް ދަތިނުވާނޭހެން ހަމަޖެހޭ އުސޫލެއްގެ ތެރެއިންކަމަށެވެ.

އިންކަމް ޓެކްސް ނަގަން ފަށާއިރު 6000 މީހުން އިންކަމް ޓެކްސް ދައްކާނެކަމަށް ލާފާކުރެވޭކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އިންކަމް ޓެކްސް ދައްކާނެކަމަށް ލަފާކުރެވޭ 6000 މީހުންގެ ތެރެއިން 40000 އާއި 60000 ރުފިޔާއާ ދެމެދުގެ ޢާމްދަނީއެއް ލިބޭ 2600 އެއްހައި މީހުން ރާއްޖޭގައި އެބަތިބިކަމަށް ފިނޭންސްއިން ލަފާކުރައްވައެވެ.