ޚަބަރު

ދައުލަތުން ދޭންޖެހޭ ބަދަލަށް ޒިންމާވާންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅައިދޭން އެދިއްޖެ


އެކި މައްސަލަތަކުގައި ދައުލަތުން ދޭންޖެހޭ ބަދަލަށް ޒިންމާވާން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅައިދިނުމަށް އޭޖީ އޮފީހުގައި އެދިވަޑައިގެންފައި ވާނޭކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ސަރުކާރުން ބޮޑެތި މަޝްރޫޢުތައް ހިންގުމަށްވާ އެއްބަސްވުންތައް ޤާނޫނާއި ޚިލާފަށް ބާޠިލުކޮށް، ހިންގާފައިވާ ކަންތައްތަކާއި ގުޅިގެން ދައުލަތުން ބޮޑެތި އަދަދުތަކުން ބަދަލުދޭންޖެހުމުގައި ޒިންމާވާ ފަރާތްތަކަކީ ކޮބައިކަން ދެނެގަނެވި އެފަރާތްތަކާއި މެދު ފިޔަވަޅުއަޅައިދިނުމަށް ބަނޑާރަނައިބުގެ އޮފީހުގައި އެދިވަޑައިގެންފައިވާނެކަމަށެވެ. ފާއިތުވެދިޔަ 6 ވަރަކަށް އަހަރުގެ ތެރޭގައި ދައުލަތުގެ އެކިއެކި ވުޒާރާތަކުން އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތައް އެއްވެސް ސަބަބެއްނެތި އުވާލުމުން އެކަމުގެ ބުރަ ސަރުކާރަށް ކުރިމަތިވެފައިވާކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

އެކި ސަރުކާރުތަކުން މިފަދަ ކަންކަން ކޮށްފައިވީނަމަވެސް މިކަމުގެ ޒިންމާ އުފުލަންޖެހެނީ އެއިރެއްގައި އޮންނަ ސަރުކާރަކަށް ކަމަށްވާއިރު، މިކަމުގައި ޝާމިލުވާ ފަރަތްތަކެއް ވާނެކަމަށް މިނިސްޓަރ އަމީރު ވަނީ ވިދާޅުވެފައެވެ. މިހާތަނަށް ގެއްލުމުގެ ބަދަލު ދިން މައްސަލަތަކާއި، އަދި ދޭންޖެހޭކަަމަށް ކަނޑައަޅާފައިވާ މައްސަލަތަކުގައިވެސް ޝާމިލުވާ ފަރާތްތަކަކީ ކޮބައިކަން އެމިނިސްޓްރީއަށް ދެނެގަނެވިފައިވާކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އަދި މިފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި އަމަލުކުރަންވީގޮތަކާމެދު ބަންޑާރަނައިބުގެ ލަފަޔަކަށް އެދިފައިވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ..

"މިކަންކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކެއްވޭ. އެއީކޮންބައެއްކަން އަޅުގަނޑުމެންނަށް އެގޭ. އެފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް ޤާނޫނީ ލަފަޔަކަށް އޭޖީ އޮފީހުގައި މިހާރުވާނީ އެދިފަ. މިފަރާތްތަކާއިމެދު ފިޔަވަޅު އެޅެންޖެހޭކަމަށް އަޅުގަނޑު ޤަބޫލުކުރަން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަންޖެހޭ މައްސަލަ ރައްޔިތުންގެ މަޖިލީހުންވެސް ދަނީ ބަލަމުންނެވެ. އެގޮތުން ރާއްޖޭގެ އެކިސަރަހައްދުތަކުގައި ހައުސިންގ ޔުނިޓް އެޅުމަށް ހަވާލުކުރި ނޫމަޑިއަށް ގެއްލުމުގެ ބަދަލުދޭންޖެހުނު މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އަންނަ ހަފްތާގެ ހޯމަދުވަހު ހާޒިރުކުރުމަށް އެކޮމިޓީން ވަނީ ނިންމާފައެވެ.

ދައުލަތުން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް މިހާތަނަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދައްކާފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި ބޯޑަރ ކޮންޓްރޯލް ސިސްޓަމެއް ޤާއިމްކުރަން ވީ އެއްބަސްވުން އުވާލުމުން މެލޭޝިއާގެ ނެކްސްބިޒަށް ދިވެހި ސަރުކާރުން ދެއްކި 280 މިލިއަަން ރުފިޔާއާއި، ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު އެ ރަށްތައް ހަވާލު ނުކުރި މައްސަލައިގައި، ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ދައުލަތުން ވަނީ 130 މިލިއަން ރުފިޔާ ދައްކާފައެވެ. މީގެ އިތުރުން ކުރީ ސަރުކާރުން އުފެއްދުމަށްފަހު އުވާލާފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ހިންގާފައިވާ އެކި މުއާމަލާތްތަކަށް މި ސަރުކާރުން 26.1 މިލިޔަން ރުފިޔާވަނީ ދައްކާފައެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން ބޮޑެތި އަދަދުތަކުން ފައިސާ ދައްކަންޖެހޭ މައްސަލަޔަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތްމައްސަލައެކެވެ. ނަމަވެސް ނުހައްޤުން އެއްބަސްވުންތައް އުވާލެވި، މާލީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ކޯޓްތަކުން ޙުކުމްކޮށްފައިވާ ފަރާތްތަކަށް ގެއްލުމުގެ ބަދަލުދިނުމަކީވެސް އެފަރާތްތަކަށް އިންސާފް ހޯދައި ދިނުމަށް ކުރަންޖެހޭ ކަމެއްގެ ގޮތުގައިވެސް ގިނަބަޔަކު ދެކެއެވެ.