ޚަބަރު

ޤަވާއިދާއި ޚިލާފަށް މުވައްޒިފުންނާއި މެދު ފިޔަވަޅެއް ނާޅާނެ - މިނިސްޓަރ ނަހުލާ


ސިވިލް ސަރވިސްގެ ޤަވާއިދާއި ޚިލާފަށް އެއްވެސް މުވައްޒަފަކާއި ދެކޮޅަށް ފިޔަވަޅު ނާޅުއްވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްްޒަފުންތަކެއް ވަކިކުރަން ނޯޓިސް ދިން މައްސަލާގައި ޓްރާސްޕޯޓް މިނިސްޓަަރު އައިޝަތު ނަހުލާވަނީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. މި ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ ސިވިލް ސާވަންޓުންނަކީ، ސިވިލް ސަރވިސްގެ ގަވާއިދުގެ ތެރެއިން ވަކިގޮތަކަށް އަމަލުތައް ބަހައްޓަންޖެހޭ ބައެއްކަމަށެވެ.

ޓްރާސްޕޯޓް މިނިސްޓްރީގައި ވަޒީފާ އަދާކުރައްވާ އެއްވެސް ސިވިލް ސާވަންޓަކަށް، ސިވިލް ސަރވިސްގެ ގަވާއިދުގެ ބޭރުން އެއްވެސް ފިޔަވަޅެއް ނާޅުއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާތަނަށްވެސް ޤާނޫނާއި ގަވައިދުގެ ބޭރުން އެއްވެސް ކަމެއް ނުކުރައްވާކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ޤަވާއިދުން ބޭރުން އެއްވެސް މުވައްޒަފަކަށް ފިޔަވަޅު ނާޅުއްވާނެކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

"ސިވިލް ސަރވިސް ޤަވާއިދާއި ޙިލާފަށް އެއްވެސް މުވައްޒިފަކާއިމެދު މިހާތަނަ ފިޔަވަޅު އަޅާފައިނުވާނެ. އަދި ކުރިއަށް އޮތްތަނުގައިވެސް ސިވިލް ސަރވިސްގެ އެއްވެސް މުވައްޒިފަކާއި މެދު ގަވާއިދާއި ޚިލާފަށް އެއްވެސް ފިޔަވަޅެއް ނާޅާނަން. އެޔަގީންކަން އަޅުގަނޑު އަރުވަން." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މަޖިލީހުގެ ކޮމެޓީގައި ވާހަކަދައްކަވަމުން ޓްރާސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ އަބްދުﷲ ފަޔާޒު ވަނީ މި މައްސަލައަކީ ވަކިވަކި މުވައްޒިފުންތަކެއްގެ ޒާތީ މައްސަލަތަކެއް ހިމެނޭ ކަމަކަށްވުމުން ކޮމިޓީ ސިއްރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އަދި ކޮމެޓީ ސިއްރުކުރުމުން ޖަވާބުދާރީވުމަށް ނޯޓިސްދީފައިވާ މުވައްޒިފުންނަށް ނޯޓިސް ދޭން ޖެހުނު ސަބަބާއި ފިޔަވަޅު އަޅަންޖެހުނީ ކީއްވެކަން ވަރަށް ތަފްސީލުކޮށް ކޮމެޓީއަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހިއްސާކުރައްވާފައެވެ.

ސިވިލް ސަރވިސްގެ ޤަވާއިދާއި ޚިލާފަށް އެތައްދުވަހަކު ގަޑިޖެހި، މަސައްކަތަށް ފަރުވާކުޑަކުރަމުން ގެންދިޔަ 11 މުވައްޒަފަކަށް 5 ދުވަހުގެ ތެރޭގައި ޖަވާބުދާރީވުމަށް ޓްރާސްޕޯޓް މިނިސްޓްރީން ވަނީ ޗިޓް ހަވާލުކޮށްފައެވެ. މިނިސްޓްރީން ޖަވާބުދާރީވުމަށް ނޯޓިސް ދީފައިވާ 11 މުވަޒިފުންނަކީ އަހަރެއްގެ ތެރޭގައި 70 ދުވަހާއި 80 ދުވަހާއި ދޭތެރޭ އަދަދަކަށް ގަޑިޖެހިފައިވާ މުވައްޒިފުންތަކެއްކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.