ޚަބަރު

ޤައުމުގެ މިނިވަންކަމާ ކުޅުމުގެ ފުރުޞަތެއް ރައީސް ނުދެއްވާނެ - ޤާސިމް


ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައް ގެއްލުވާފަދަކަމެއް ކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ ނުދެއްވާނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ޖުމްހޫރީ ޕާޓީން އެޕާޓީގެ މައިޖަގަހަ ކުނޫޒްގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓާނެކަމުގެ ފުރިހަމަ އިތުބާރު ރައީސުލް ޖުމްހޫރިއްޔާއަށް އެބައޮތްކަމަށެވެ. ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅަށް ރޭގެ ޖަލްސާގައި ޤާސިމްވަނީ ވަރަށްބޮޑަށް ތައުރީފް ކުރައްވާފައެވެ.

ޤާސިމް ވިދާޅުވީ ދީނަށް ހަޖޫޖެހުމާއި ރަސޫލާއަށް ފުރައްސާރަކުރުމަކީ މާބޮޑު ކަމެއް ނޫން ކަމަށް ދެކޭ މީހުން މިޤައުމުގައި އުޅޭ ކަމަށާ، އެފަދަ ފަރާތްތަކަކީ މުސްލިމު ޤައުމުތަކުންވެސް އަދި ޣައިރު މުސްލިމް ޤައުމުތަކުންވެސް ބަލައިގަންނާނެ ބައެއްނޫންކަމަށެވެ.

އަދި މިފަދަ ދީނާއި ދެކޮޅު ފަރާތްތަކަށާއި، މާތް ރަސޫލާއަށް ފުރަސާރަކުރާ ފަރާތްތަކަށް މިފަސްގަނޑުގައި އެއްވެސް ފުރުސަތެއް ނެތްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުން ޔަޤީންކުރެވުނުކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. އަދި އެފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅައި މިފަސްގަނޑު ތާއަބަދަށް އިސްލާމްކަންމަތީ ބޭއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އެންމެ އިންޗިއެއްވެސް ފަހަތައް ޖެހިވަޑައި ނުގަންނަވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ޤާސިމްވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިމައްސަލައާއި ގުޅިގެން ރާއްޖެ ހަލަބޮލިކޮށް ހަމަޖެހުން ނަގާލުމަށް އެއްވެސް ފަރާތަކަށް ފުރުޞަތު ދީގެންނުވާނެކަމަށެވެ. އަދި އެއީ ޖުމްހޫރީ ޕާޓީން ތާއީދު ކުރާނެކަމެއްނޫންކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޖިހާދުގެ ނަމުގައި އަނބިދަރިންނާއި، އާއިލާދޫކޮށް އެފަރާތްތައް ނިކަމެތި ކޮށްލުމަށްފަހު ކުރާ ހަނގުރާމަތަކަކީ ޖިހާދަށް ވާނެގޮތެއްކަމަށް ނުވިސްނޭކަމަށެވެ. އަދި ދީނަށްޓަކައި ކުރާ ޖިހާދެއް ކަމަށް ބުނެ ސީރިއާއަށް ހަނގުރާމައަށް ދިއުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.