ޚަބަރު

ސްޓެލްކޯއިން ޕްރިއޮރިޓީ ކައުންޓަރުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި


ސްޓެލްކޯއިން ޚިދުމަތްހޯދާ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން ތަޢާރަފްކުރި ޕްރިއޮރިޓީ ކައުންޓަރުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވާދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙްމޫދެވެ.

މިއަދު އިފްތިތާޙްކުރި ޕްރިއޮރިޓީ ކައުންޓަރަކީ މުސްކުޅިންނާއި މާބަނޑު އަންހެނުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން ހަ އަހަރުން ދަށުގެ ކުޑަކުދިން ގޮވައިގެން ޚިދުމަތް ހޯދަން ދާ ފަރާތްތަކަށް ޚާއްސަކޮށްގެން ހަދާފައިވާ ކައުންޓަރެކެވެ. މި ޚިދުމަތް ތަޢާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވީ މި ކައުންޓަރުންނަށް ޚިދުމަތް ހޯދުމަށް އަންނަ ފާރާތްތަކަށް ޚާއްސަ ޚިދުމަތްތަކެއް ދެވިގެންދާނެކަމަށެވެ. އަދި ސްޓެލްކޯގެ މުވައްޒަފުންނަކީ އަބަދުވެސް ޚިދުމަތް ހޯދަން އަންނަ ފާރަތްތަކަސް ގާތުން ޚިދުމަތް ދޭ ބަޔަކަށްވުމަށްވެސް މުޣުނީ ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްދޭ ކުންފުނިތަކަށް ފައިދާ ހޯދުމަށް މަސައްކަތް ކުރުމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ވަނީ ގޮވާލައްވާފައެވެ. ޖީހާން ވަނީ ސްޓެލްކޯގެ ހެޑް އޮފީހެކޭ އެއްފަދައިން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި އެ ކުންފުނީގެ އޮފީސްތަކުގައިވެސް މި ޚިދުމަތް ދިނުމަށް އިލްތިމާސްކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވަނީ އެ ކުންފުނީގެ ގިނަ މައުލޫމާތުތަކެއް ހިމެނޭ ޚާއްސަ ފޮތެއް ވެސް ނެރެފައެވެ. އެ ފޮތުގައި އެ ކުންފުނިން ރާއްޖޭގައި ހިންގާ އިންޖީނުގެތަކުގެ މަޢުލޫމާތު ހިމަނާފައިވެއެވެ.