ޚަބަރު

އިބްތިހާލަށް ކޮށްފައިވާ އަނިޔާތައް ބޭރުފުށުން ފެންނަން ހުރި - ހެކި


އަނިޔާކޮށް މަރާލާފައިވާ އިބްތިހާލަށް ކޮށްފައިވާ އަނިޔާތައް އެކުއްޖާގެ ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުރިކަމަށް ބުނެ ފުލުހަކު ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފިއެވެ.

އިބްތިހާލަށް އަނިޔާކޮށް މަރާލާފައިވާފައިވާ ކަމަށް އެ ކުއްޖާގެ މަންމަގެ އާފިޔާ އަހްމަދު މަނިކުގެ މައްޗަށް ތުހްމަތުކޮށް އުފުލާފައިވާ ދައުވާގެ މައްސަލައިގެ ޝަރިއަތުގެ މަޖިލީހުގައި އެވެ.

މި އަޑު އެހުމުގައި ހެކިބަސް ދިން ފުލުސް އޮފިސަރަކީ އަނިޔާތަކަށް ފަހު އިބްތިހާލު މަރުވުން ހޮސްޓަލަށް ގެންދިޔަ ފަހުން އެ ކުއްޖާއަަށް ލިބުނު އަނިޔާތައް ބެލުމަށް އެތަނަށް ދިޔަ ފުލުސް މީހާއެވެ. އަދި އޭނާއަކީ މައްސަލަ ސާބިތުކުރުމަށް ހުށައަޅާފައިވާ ސީން އޮފް ކްރައިމް ރިޕޯޓް ތައްޔާރުކުރި ފަރާތެވެ.

ހެކިބަސް ދެމުން އޭނާ ބުނި ގޮތުގައި ގިނަ ދުވަސްވީ ޒަހަމްތަކަކާއި މާ ގިނަ ދުވަސްވެފައިނުވާ ޒަހަމްތަކެއް ބޭރުފުށުން ފެނިފައިވާ ކަމަށެވެ. އެގޮތުން ކަންފަތާއި ކުރިމަތިފަރާތައް ލިބިފައިވާ ޒަހަމްތަކަކީ ގިނަ ދުވަސްވެފައިވާ ޒަހަމްތަކެއް ނޫން ކަމަށް އޭނާ ބުންޏެވެ. މި ހެކިވެރިޔާ އާ އާފިޔާ އެއްވެސް ސުވާލެއް ކޮށްފައިނުވެ އެވެ.

މައްސަލައިގައި ހިމޭނޭ އެހެން ބައެއް ހެކިން އުޅެމުންދަނީ މާލެގައި ނޫންކަމުން އެމީހުނަށް މާލެ އައުމަށް ދަތިތަކެއްް ހުރިކަމަށް އެމީހުން ބުނެފައިވާ ކަމަށް ދައުލަތުގެވވަކީލް ވިދާޅުވި އެވެ. އެހެންވެ އެމީހުންގެ ހެކިބަސް މާލެ ނައިސް ވޯޑިއޯ ކޮންފަރެންސް މެދުވެރިކޮަށް ނެގުމަަަށް ދައުލަތުން އެދިވަޑައިގެންނެވި އެވެ. ޝަރީއަތުންވެސް ވަނީ އެގޮތައް އެ ހެކިބަސް ނެގުމަށް ނިންމަވާފައި އެވެ.

ރަކީދޫގައި ބޮޑެތި އަނިޔާތަކެއް ދީ، ތިން އަހަރުގެ އިބްތިހާލް އާފިޔާގެ މައްޗަށް ދައުލަތުން ވަނީ ގަސްގަައި ކުއްޖަކު މަރާލުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އުފުލާފައި އެވެ. އެ ދެ މައްސަލަ ސާބިތުކުރަން ދައުލަތުން ހުށައަޅާފައިވަނީ އެއް ހެކިންތަކެއް ކަމަށްވާތީ ހެކިބަސް ނަގަމުންދަނީ ދެ މައްސަލަގައިވެސް އެއްކޮންނެވެ.