ޚަބަރު

މާބިންހުރާގެ މައްސަލަ ކުރިއަށް ގެންދިއުމާމެދު ގޮތެއް ކަނޑައަޅަން ޕީޖީއަށް 2 ދުވަސް


ޅ.މާބިންހުރާ ކުއްޔަށް ދީގެން ލިބުނު ފައިސާއަށް ޚިޔާނާތްވުމުގައި ބައިވެރިވުމުގެ ކުށުގައި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް ބާޠިލްކުރި މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިއުމާމެދު ޕްރޮސެކިއުޓާ ޖެނަރަލް ކުރިއަށްއޮތް ރަސްމީ ދެދުވަސް ތެރޭގައި ގޮތެއް ނިންމަން އުއްތަމަ ފަނޑިޔާރު އަންގަވައިފިއެވެ.

ދައުލަތުގެ ވަކީލް މިއަޑުއެހުމުގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަތަކުގެ ތަޙްޤީޤަށް އެއްބާރުލުން ދިނުމާބެހޭ އެއްބަސްވުމެއް އަދީބު ވެފައިވާކަމަށާ އޭގެ ދަށުން މިވަގުތު މިމައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން ޕީޖީން ބޭނުންނުވާކަމަށެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ އެއެއްބަސްވުމުގެ ދަށުން އަދީބާ ގުޅޭގޮތުން ކްރިމިނަލް ކޯޓަށް ހުށައެޅި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި އަދީބު ކުށަށް އިޢުތިރާފުވާ ޙާލަތުގައި މި މައްސަލަ ކުރިއަށް ނުގެންދާން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އަދީބު ތަހްގީޤުގައި އިއުތިރާފުވެފައިވާ ކުށްތަކުގައި ކޮށްފައިވާ ދައުވާއަށް ކުރިމިނަލް ކޯޓުގައި އިންކާރުކޮށްފިނަމަ މިމައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން ޖެހޭނެކަމަށް ވަކީލް ވިދާޅުވިއެވެ.

މިމައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވަނީ އެވާހަކަތަކާ ގުޅިގެން ވަރަށް ބޮޑަށް ކޯފާވެ އިންނަވައި ވާހަކަފުޅު ދައްކަވާފައެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓަކީ ޕީޖީގެ ސެކްޝަނެއްނޫން ކަމަށާ، ބޭނުންވީމަ ސުޕްރީމް ކޯޓުގައި މައްސަލަ ޕާކްކޮށްފައި ނުބޭއްވޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ކުރިއަށް ގެންދަން ބޭނުންވާކަން ނުވަތަ ނޫންކަން ޕީޖީއަށް ކަނޑައެޅިފައި އޮންނަން ޖެހޭނެ ކަމަށާ، ވަކިގޮތެއް ކަނޑަނޭޅި އޮވެގެން ނުވާނެކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އަދި ކުރިއަށްއޮތް ރަސްމީ ދެދުވަހުގެ ތެރޭގައި މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ޕީޖީން ގޮތެއް ނުނިންމަން އެންގެވިއެވެ.

މާބިންހުރާ ކުއްޔަށް ދީގެން ލިބުނު ފައިސާއަށް ޚިޔާނާޔަތްތެރިވި މައްސަލާގައި ކުރި ޙުކުމް ބާޠިލްކޮށް އަލުން އެމައްސަލަ ބަލަން ހައިކޯޓުން ކުރިމިނަލް ކޯޓަށް އެންގި ނަމަވެސް ކުރިމިނަލް ކޯޓުންވެސް ވަނީ އެމައްސަލަ ނުބަލަން ނިންމައި މައްސަލަ ޕީޖީއަށް އަނބުރާ ފޮނުވާލާފައެވެ.

އަދީބު ހުންނެވީ މިމައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައެވެ. ސުޕްރީމް ކޯޓުގައި އެމައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު ޢަބްދުﷲ އަރީފާއި ފަނޑިޔާރު އަބްދުލްޢަނީ މުޙައްމަދެވެ.