ޚަބަރު

ފަނޑިޔާރު އާދަމް މުޙައްމަދުއަށް ވަކީލަކު ހަމަ ޖައްސަން ފަހު ފުރުޞަތެއް


ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލަމުންދާ މައްސަލައާ ގުޅިގެން ގާނޫނީ ވަކީލަކު ހަމަ ޖައްސަން އިތުރު ފުރުސަތެއް މައްސަލަ ބަލާ ކޮމިޝަނުން ދެއްވައިފިއެވެ.

އާދަމް މުޙައްމަދުގެ މައްޗަށް ތުހުމަތުކުރެވޭ ސުލޫކީ މައްސަލައާ ގުޅޭގޮތުން އެ ފަނޑިޔާރާ ސުވާލު ކުރުމަށް މިއަދު ބޭއްވި މަޖިލީހުގައި އާދަމް މުޙައްމަދުއާއެކު ވަކީލެއް ވަޑައެއް ނުގަންނަވައެވެ. ފަނޑިޔާރު އާދަމް މުޙައްމަދު ވިދާޅު ވަކީލެއްގެ ގޮތުގައި ހަމަ ޖެއްސެވީ ޤާނޫނީ ވަކީލް އަޙްމަދު މާޖިދު ކަމަށެވެ. ނަމަވެސް އޭނާ ވަޑައިނުގެންނެވީ ކީއްވެކަން އެނގިވަޑައިނުގަންނަވާކަމަށެވެ. އަދި ކުރިން ޤާނޫނީ ވަކީލަކަށް މި މައްސަލައިގައި ހަމަ ޖެއްސެވި ޑރ.މުހައްމަދު ޖަމީލް އަޙްމަދު މި މައްސަލައިގައި ބަލައިނުގަތުމަށް ނިންމެވި ނިންމެވުން އެ ކޮމެޓީން މުރާޖާ ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ޑރ.ޖަމީލް ބަލައިނުގަތުމަށް ނިންމި ނިންމުމަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހަމަ ކަމުގެ އުސޫލާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ފަނޑިޔާރު އާދަމް މުޙައްމަދު ވިދާޅުވިއެވެ.

މައްސަލަ ބަލާ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވީ ކޮމެޓީން އަމަލުކޮށްފައިވަނީ ޤާނޫނު އަސާސީ އާއި ޖޭއެސްސީގެ ޤާނޫނާ އެއްގޮތަށް ކަމަށެވެ. އަދި ޑރ.ޖަމީލް ވަކީލެއްގެ ގޮތުގަައި ބަލައިނުގަތުމަށް ނިންމާފައިވާ ނިންމުން މުރާޖާ ކުރަން ޖެހޭ ސަަބަބެއް ނެތް ކަމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ފަނޑިޔާރު އާދަމް މުޙައްމަދަށް އަންނަ މަހުގެ 4 ވަނަ ދުވަހަށް ވަކީލަކު ހަމަ ޖެއްސުމަށް ހިސާން އެންގެވިއެވެ. އަދި އެ ކޮމެޓީގެ ބައްދަލުވުމެއް އަންނަ މަހުގެ 4 ވަނަ ދުވަހުގެ ހެނދުނު 10.30ގައި ބޭއްވުމަށް ނިންމާފައިވާކަންވެސް ވަނީ އިޢުލާންކޮށްފައެވެ. އަދި ވަކީލަކު ހަމަ ޖެއްސުމަށް ކުރިންވެސް ދެ ފަހަރެއްގެ މަތިން ފުރުޞަތު ދީފައިވާތީ އިތުރު ފުރުޞަތެއް ނުދެވޭނެކަންވެސް އެ ކޮމެޓީން އެންގެވިއެވެ.

ނަމަވެސް އާދަމް މުޙައްމަދު ވަނީ ވަކީލަކު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށާއި މި މައްސަލައިގައި ވަކީލަކު އައުމަށްވެސް ޖެހިލުންވަަކަމަށް ވިދާޅުވެފަައެވެ.