ޚަބަރު

އުއްތަމަ ފަނޑިޔާރުގެ އިތުރު ސުލޫކީ މައްސަލައެއް ބަލަނީ


އުއްތަމަ ފަނޑިޔާރު ޑރ. މުޙައްމަދު ޢަބްދުﷲ ދިދީގެ އިތުރު ސުލޫކީ މައްސަލައެއްް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިިފިއެވެ.

ޖޭއެސްސީން ވިދާޅުވީ އުއްތަމަ ފަނޑިޔާރާ ގުޅޭ ގޮތުން ބެލުމަށް ނިންމާފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ގުޅިގެން ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ބަޣާވާތެއްކުރައްވަން އުޅުއްވާކަމަށް އުއްތަމަ ފަނޑިޔާރު ތުހުމަތުކުރައްވައި، އެޑިޕާޓްމަންޓާ އެއްވެސް މުޢާމަލާތެއްކުރައްވަފިނަމަ ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރު އުއްތަމަފަނޑިޔާރު އެބޭފުޅާއަށް ދެއްވާފައިވާ މައްސަލައެވެ.

ޖޭއެސްސީން ނެރުއްވި ނޫސް ބަޔާނުގައި ޖުޑީޝަލް ސާވިސްކޮމިޝަންގެ ޤާނޫނަށް ގެނެވުނު އިޞްލާޙާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރެފައިވާ ޤަވާއިދުތަކަށާއި އުޞޫލުތަކަށް ޢަމަލުނުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ސެކްރެޓަރީ ޖެނެރަލަށް އުއްތަމަ ފަނޑިޔާރު އަންގަވާފައިވާ ކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބިފައިވާކަމަށެވެ.

އަދި އުއްތަމަ ފަނޑިޔާރު ސުޕްރީމް ކޯޓުގެ މުވައްޒަފުންގެ މަސައްކަތަށް ހުރަސްއަޅުއްވާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއާ އެއްވެސް މުޢާމަލާތެއް ނުކުރުމަށް ވެސް އަންގަވާފައިވާ ކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.