ޚަބަރު

އަދީބަށް ކުރާ "ބޮޑު 7 ދައުވާ"ގެ އަޑުއެހުންތައް މާދަމާ ފަށަނީ


ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 7 ދަޢުވާގެ އަޑުއެހުން މާދަމާ ފެށުމަށް ތަވާލުކޮށްފިއެވެ.

އަދީބާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ 7 ދަޢުވާއަކީ ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާގުޅޭ ދައުވާ ތަކެކެވެ. އަދީބުގެ މައްޗަށް އުފުލި 7 ދަޢުވާގައި ހިމެނެނީ މަނީލޯންޑްރިންގެ ދެ ދަޢުވާއަކާއި ޚިޔާނާތުގެ ބައިވެރިވުމުގެ ކުށުގެ ދެދަޢުވާއަކާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދަދިނުމުގެ ދެ ދަޢުވާއެއްގެ އިތުރުން ރަސްމީ ހައިސިއްޔަތުނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދަޢުވާއެކެވެ.

މި ކުށްތަކުގެ ތަޙްގީގު ހިންގިއިރު ޖިނާއީ އިޖްރާއަތުގެ ދަށުން އަދީބާއެކު ފުލުހުންގެ މުއައްސަސާއިން ވަނީ ތަޙްޤިޤަށް އެއްބާރުލުން ދިނުމާބެހޭ އެއްބަސްވުމެއް ހަދާފައެވެ. އެއެއްބަސްވުމުގެ ދަށުން އަދީބުވަނީ އޭނާގެ މައްޗަށް އުފުލާފައިވާ 7 ދަޢުވާގައި ތުހުމަތުކުރާ ކުށްތަކަށް ތަހްޤީޤު މަރުޙަލާގައި އިޢުތިރާފުވެފައެވެ. އަދި އެއެއްބަސްވުމުގެ ދަށުން އެމްއެމްޕީއާރުސީގެ ތަޙްގީގަށް އަދީބުއަތުގައިވާ މަޢުލޫމާތުތައް ޙިއްސާ ކުރައްވާފައިވެއެވެ.

އަދީބު ޝަރީޢަތުގެ މަރުހަލާގައިވެސް އެ 7 ދަޢުވާއަށް އިޢުތިރާފުވެއްޖެނަމަ އަދަބެއްގެގޮތުން އަންނާނީ ޖުމުލަ 20 އަހަރުގެ ޖަލު ހުކުމެކެވެ. އަދި އެމްއެމްޕީއާރުސީން ދޫކުރި ޅ.މާބިންހުރާ ކުއްޔަށް ދީގެން ލިބުނު ފައިސާއަށް ޚިޔާނާތްތެރިވުމުގައި ބައިވެރިވި ކަމަށްބުނެ ކުރާދައުވާގެ އިސްތިއުނާފީ މައްސަލަ ސުޕްރީމް ކޯޓުގައި މިހާރު ހިނގަމުންދިޔަ ނަމަވެސް ދައުލަތުން އެ މައްސަލަ އަނބުރާ ގެންދާނެއެވެ.

އަދީބު މިހާރު ހުންނެވީ އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިއެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ރާއްޖެއިން ބޭރަށް ފިލައިގެން ވަޑައިގެންނެވި މައްސަލައިގައި ކޯޓުންކުރި ހުކުމްވެސް ގެންދަވަނީ ތަންފީޒު ކުރަމުންނެވެ.