ޚަބަރު

ޖިންސީ ފުރައްސާރައިގެ ތުހްމަތުގައި ކުރެވޭ އާސިފް އަލުން ހައްޔަރުކުރަން އަމުރުކޮށްފި


ޖިންސީ ގޯނާގެ ތުހުމަތުގައި މީގެ ކުރިން ހައްޔަރުކުރި ޤައުމީ ކްރިކެޓް ޓީމުގެ ކޯޗު އާސިފް ޚާން އަލުން ހައްޔަރުކުރުމުގެ އަމުރެއް ހައިކޯޓުން ނެރެފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްއިން ފުރަސް ގޮސް ހުއްޓައި ފުލުހުންވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 4ވަނަ ދުވަހު ވެސް އާސިފް ހައްޔަރުކޮށްފައެވެ. ދެކުނު އެފްރިކާގެ ރައްޔިތެއްކަމަށްވާ އާސިފް ޚާން ޖިންސީ ގޯނާގެ ތުހުމަތުގައި އޭރު ހައްޔަރުކުރި ނަމަވެސް 24 ގަޑިއިރުގެ ތެރޭގައި ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ނުކުރެވުމުން ކްރިމިނަލް ކޯޓުންވަނީ އޭނާ ދޫކޮށްލަން އަމުރުކޮށްފައެވެ.

އަދި އަލުން އޭނާ ހައްޔަރުކުރަކަށް ފުލުހުން އެދުމުން އަމުރު ނެރެދީފައިނުވަނިކޮށް ހައިކޯޓުން އެއަމުރު ނެރެފައިވަނީ އާސިފް ހައްޔަރުކުރުމުގެ އަމުރެއް ނެރެދެވެންނެތް ކަމަށް ދަށުކޯޓުން ނިންމި ނިންމުން ބާޠިލް ކުރުމަށްފަހުއެވެ.

އާސިފް 18 އަހަރުން ދަށުގެ ކުދިންތަކަކަށާއި 18 އަހަރުން މަތީގެ ބަޔަކަށް ޖިންސީ ފުރައްސާރަކޮށްފައިވާކަމަށް ތުހްމަތު ކުރެވިފައިވާކަމަށް ފުލުހުން މީގެކުރިން ވިދާޅުވެފައިވެއެވެ.