ޚަބަރު

އަދީބުގެ ޖަލު ޙުކުމުގެ މައްސަލަ ދައުލަތުން އެދިގެން ބާޠިލްކޮށްފި


ޅ.މާބިންހުރާ ކުއްޔަށް ދީގެން ލިބުނު ފައިސާއަށް ޚިޔާނާތްވުމުގައި ބައިވެރިވުމުގެ ކުށުގައި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް ބާޠިލްކުރި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުމުގެ ދައުވާ ދައުލަތުން އެދިގެން ބާތިލްކޮށްފިއެވެ.

އަދީބުއަށް ކުރި ޖަލު ހުކުމް ބާޠިލްކަމަށް ހައިކޯޓުން ނިންމާފައިވާ ހުކުމަކީ ޝަރުއީ ހަމަތަކާ ޚިލާފަށް ކޮށްފައިވާ ހުކުމެއްކަމަށްބުނެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުވާ ކުރިއަށް ގެންދިއުމާމެދު ދައުލަތުން ގޮތެއް ނިންމަން ދެ ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

ސުޕްރީމް ކޯޓުން ވިދާޅުވީ އަދީބުގެ އެ ދައުވާ ބާތިލްކޮށްދޭން ދައުލަތުން އެދުމުން ދައުވާ ބާޠިލް ކޮށްފައިވާކަމަށެވެ. އެމައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަތަކުގެ ތަޙްޤީޤަށް އެއްބާރުލުން ދިނުމާބެހޭ އެއްބަސްވުމެއް އަދީބު ވެފައިވާކަމަށާ އޭގެ ދަށުން މިވަގުތު އެމައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން ޕީޖީން ބޭނުންނުވާކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އެއެއްބަސްވުމުގެ ދަށުން އަދީބާ ގުޅޭގޮތުން ކްރިމިނަލް ކޯޓަށް ހުށައެޅި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި އަދީބު ކުށަށް އިޢުތިރާފުވާ ޙާލަތުގައި އެމައްސަލަ ކުރިއަށް ނުގެންދާންވެސް ދައުލަތުން އެއްބަސްވެފައިވާކަމަށެވެ. ނަމަވެސް އަދީބު ތަހްގީޤުގައި އިޢިތިރާފުވެފައިވާ ކުށްތަކުގައި ކޮށްފައިވާ ދައުވާއަށް ކުރިމިނަލް ކޯޓުގައި އިންކާރުކޮށްފިނަމަ މިމައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން ޖެހޭނެކަމަށްވެސް ވަކީލް ވިދާޅުވިއެވެ.

މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވަނީ އެވާހަކަތަކާ ގުޅިގެން ވަރަށްބޮޑަށް ކޯފާވެ އިންނަވައި ވާހަކަފުޅު ދައްކަވާފައެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމްކޯޓަކީ ޕީޖީގެ ސެކްޝަނެއްނޫންކަމަށާ، ބޭނުންވީމަ ސުޕްރީމް ކޯޓުގައި މައްސަލަ ޕާކްކޮށްފައި ނުބޭއްވޭނެކަމަށެވެ. އެހެންވެ ގޮތެއް ކަނޑައަޅަން ރަސްމީ ދެދުވަސް ދިނީއެވެ.

މާބިންހުރާ ކުއްޔަށް ދީގެން ލިބުނު ފައިސާއަށް ޚިޔާނާޔަތްތެރިވުމުގައި ބައިވެރިވުމުގެ ކުށުގައި އަދީބަށް އިއްވި ޖަލުޙުކުމް ބާޠިލްކޮށް އަލުން އެމައްސަލަ ބަލަން ހައިކޯޓުން އެންގި ނަމަވެސް ކުރިމިނަލް ކޯޓުން ވެސްވަނީ އެމައްސަލަ ނުބަލަން ނިންމައި މައްސަލަ ޕީޖީއަށް އަނބުރާ ފޮނުވާލާފައެވެ.