ޚަބަރު

ރައީސް ޔާމީންގެ މައްސަލައަށް ސަރުކާރުގެ އޮފިޝަލުން ނުފޫޒު ފޯރުވަން އުޅުނު - ހައިލަމް


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މަނީލޯންޑަރިންގެ ކުށުގެ ތުހުމަތު އުފެދުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި މީސްމީހުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތްކުރިކަމަށް ސުލީކީ މައްސަލައެއްގެ ތުހްމަތުގައި ސަސްޕެންޑްކޮށްފައި ހުރި ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަޙްމަދު ހައިލަމް ތުހްމަތު ކުރައްވައިފިއެވެ.

ހައިލަމް މިފަދަ ތުހްމަތުތަކެއް ކުރައްވާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން އޭނާ ސަސްޕެންޑްކޮށް އަބުރުގަތިލުމުގެ ކަންކަން ހިނގަމުންދާ ކަމަށް ވިދާޅުވެ މިއަދު ނެރުއްވި ނޫސް ބަޔާނުގައި އެވެ. ހައިލަމް އެ ބަޔާނުގައި ޔާމިންގެ މައްސަލައަށް ނުފޫޒު ފޯރުވިދާނެ ކަމަށް ހީކޮށް އޭނާގެ ގާތް މީހުން މެދުވެރިކޮށް ވަރަށް ގިނަ މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް އެންމެ ބޮޑަށް ކޮށްފައިވަނީ މި މަހުގެ 3 އަދި 4 ގައި ކަމަށްވެސް ފާހަގަ ކުރައްވާފައިވެ އެެވެ. އަދި ޔާމިނަށް ހުކުމް ކުރާނެ ކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުގެ އިސް ބޭފުޅުން ސީދާ ގޮތުން އޭނާއަށް މެސެޖްކޮށް އެހި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އަދި ޔާމިން ޖަލަށް ލެވޭނެކަން ކަށަވަރުކޮށް ނުދެވޭނެ ކަމަށް އޭނާ ޖަވާބު ދެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަށް ފައިސާ ތަކެއް ދެއްވި މައްސަލަ އެބަ އޮތް ކަމަށާއި ހުކުމް އެގޮތައް ނުކޮށްފި ނަމަ އެ މައްސަލަ ބަލާނެ ކަމުގެ އިންޒާރު ސަރުކާރުގެ އިސް އޮފިޝަލުން ދީފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ހައިލަމްގެ އެ ބަޔާނުގައި ބޮޑެތި ތުހްމަތުތަކެއް ކުރައްވާފައިވީ ނަމަވެސް މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތްކުރީ ކޮން ބޭފުޅެއް ކަމެއް އަދި ކޮން މަގާމެއްގައި ހުރި ބޭފުޅެއް ކަމެއް ވިދާޅުވެފައިއެއްނުވެ އެވެ. އަދި އޭނާއަށް މެސެޖްކޮށް ގުޅާ އުޅުނު ނަމްބަރެއްވެސް ވިދާޅުވެފައެއްނުވެއެވެ.

ހައިލަމްގެ މި ބަޔާނުގައި އަލްހާންއާއި އޭނާއާ އޮންނަ ގުޅުމުގެ ސަބަބުން އަލްހާންގެ މަސްލަހަތު އޮންނަ އެއްވެސް މައްސަލައެއް ނުވެސް ބެލޭނެ ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ. އަދި މިދިޔަ މެއި މަހުގެ 19 ދުވަހު ގިނަ އަދަދެއްގެ ފައިސާ އަލްހާން އޭނާއަށް ދެއްވާފައިވާކަން ފުލުހުންގެ ފަރާތުން ޖޭއެސްސީއަށް އަންގާފައިވާތީ އެެކަމާ ގުޅޭ ގޮތުން މި ބަޔާނުގައި ވިދާޅުވެފައިވަނީ އެ ފައިސާގެ މުއާމަލާތް ފުލުހުންނަށް ކިޔާދެއްވާފައިވާނެ ކަމަށެވެ. އަދި އެކަން ހިނގާދިޔަ ގޮތް ފުލުހުންގެ އޮފިޝަލަަކަށް ސާފުކޮށްދެއްވުމުން އޭގައި ޖިނާއީ ކުށެއް ނުހިމެނޭކަން ފުލުހުން ވިދާޅުވެފައިވާކަމަށްވެސް ހައިލަމް މި ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ވައިބަރ ގުރޫޕެެއްގައި ޕޯސްޓްކުރި ފޮޓޯއާ ގުޅޭ ގޮތުން މި ވައިބަރގުރޫޕްގައި ވެސް ވިދާޅުވެފައިވަނީ އެއީ ބަލާ ނުލެވި ކުރެވުނު ކަމެއް ކަމަށެވެ. އަދި އެ ކުށަށް އަމިއްލައަށް އިއުތިރާފުވެ ވިދާޅުވެފައިވަނީ އެއީ ވަރަށް ދެރަކޮށް ހިނގި ކަމެއް ކަމަށެވެ. ޖޭއެސްސީން އޭނާ ސަސްޕެންޑްް ކޮށްފައިވަނީ ވެސް އެ މައްސަލައިގައެވެ. ފަނޑިޔާރެއްގެ ސުލީކީ މިންގަނޑާ ހިލާފަށް ކުރައްވާފައިވާ އެ އަމަލާ ގުޅިގެން ޖޭއެސްސީ އިން ސުވާލު ކުރުމަށް އެ ކޮމިޝަނަށް ވަޑައިގެންނެވުމަށް އެންގުމުން އެ ކޮމިޝަނަށްވެސް ހާޒިރުވެވަޑައިގެންފައިނުވެއެވެ.