ޚަބަރު

ފިޔަވަޅެއް އަޅާއިރު މަގާމާއި ވަގުތަކަށް ޖޭއެސްސީން ނުބަލާނެ - ޙިސާން


ދައުލަތުގެ އެއްވެސް މަޤާމެއްގައި ހުރި މީހަކު އޭނާހުރި މަގާމުގެ ސަބަބުން ނުވަތަ ވަކި ވަގުތެއްގެ ސަބަބުން އަޅަންޖެހޭ ފިޔަވަޅެއް އެމީހަކާ މެދު ނޭޅޭނެ ކަމަށް ދެކިގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފަރާތުން ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިންނަވާ މެމްބަރު ޙިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ހައި ކޯޓަށް އަލަށް އައްޔަންކުރި ދެ ފަނޑިޔާރުންނަށް މަޤާމު ޙަވާލު ކުރުމަށް މިރޭ ބޭއްވި ރަސްމިޔާތުގައި ޙިސާން ވިދާޅުވީ ޖޭއެސްސީން މީހަކާމެދު އަޅަންޖެހޭ ފިޔަވަޅެއް އެޅުމުގައި މީހަކު ހުރި މަގާމަކަށް ނުވަތަ ވަގުތަކަށް ނުބަލާނެކަމަށެވެ.

"އަޅުގަނޑުމެން އެންމެ ބޭފުޅުންނަށް އަރުވަން ބޭނުންވާ ޔަގީންކަމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން އަދާކުރަން ޖެހޭ ދުސްތޫރީ ޒިންމާތަކުގެ މަތީ މި ކޮމިޝަން ދެމި ހުންނާނެކަން. އަޅުގަނޑުމެން އަޅުގަނޑުމެންގެ މައްސޫލިއްޔަތު އަދާކުރާނީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނު ތަކުގައި ބަޔާންކޮށްފައިވާ އިޖްރާއަތްތަކާ އެއްގޮތްވާ ގޮތުގެ މައްޗަށްކަން،" ޙިސާން ވިދާޅުވިއެވެ.

މުޅި ފަނޑިޔާރުގެއަށް ހިޔަނި އެޅިގެންދަނީ މަދުމީހެއްގެ ސަބަބުން ކަމަށާ، ނަމަވެސް ދައުލަތުގެ މަޤާމުތަކުގައި ތިބި ކޮންމެ މީހަކީވެސް ޖަވާބުދާރީވާންޖެހޭ އަދި ޖަވާބު ދާރީކުރުވޭނެ މީހެއްކަން ހިނދުކޮޅަކަށްވެސް ހަނދާން ނައްތާލައިގެން ނުވާނެކަމަށް ޙިސާން ވިދާޅުވިއެވެ.

ފަނޑިޔާރެއްގެ އެންމެ ބޮޑު މައްސޫލިއްޔަތަކަށްވާނީ ޤާނޫނު އަސާސީއާއި ޤާނޫނާ އެއްގޮތައް ޢަމަލު ކުރުމާއި ވަކިފަރާތަކަށް ނުޖެހި އިންސާފު ގާއިމު ކުރުންކަމަށެވެ.

"ޤާނޫނު ތަޠްބީޤުކުރުން، ފަނޑިޔާރުންގެ ނަޒަރުގައި ޤާނޫނު އޮންނަންވީގޮތް ނުވަތަ ޤާނޫނު ބައްޓަން ކުރަންވީގޮތް ކުރެހުމެއްނޫން. އަދި ދައުލަތުގެ އިދާރީ ހިންގުމުގެ އޮނިގަނޑު ނުވަތަ ނިޒާމް ރޭވުމެއްވެސް ނޫން،" ހިސާން ވިދާޅުވިއެވެ.

މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އަސާސީއާއެކު ރާއްޖޭގެ ޝަރުއީ ނިޒާމަށް ބޮޑެތި އިސްލާޙީ ބަދަލުތަކެއް އައިސްފައިވީނަމަވެސް ފާއިތުވި 11 އަހަރުދުވަހުގެ ތެރޭގައި ޤާނޫނު އަސާސީ ތަސައްވަރުކުރި މިސްރާބަށް ޝަރުޢީ ދާއިރާ ގެންދެވިފައިނުވުމަކީ ހިތާހުރިކަމެއްކަމަށެވެ.

ޖޭއެސްސީގެ މަސައްކަތުގެ އިދާރީ އޮނިގަނޑަށްވެސް ބަދަލުތަކެއް ގެނެސް ފަނޑިޔާރުންގެ މައްސަލަތައް އަވަހަށް ބެލޭނެ ގޮތްތަކަށް މަސައްކަތް ކުރަމުންދާކަމަށާ، އަދި ފަނޑިޔާރުން ޢައްޔަން ކުރުމުގައި ޢަމަލުކުރާ ގޮތައްވެސް ބަދަލު ގެނެސްފައިވާކަމަށް ހިސާން ވިދާޅުވިއެވެ. އެގޮތުން ފަނޑިޔާރުން ޢައްޔަން ކުރުމަށް ކޮމިޝަނުން ސިއްރު ވޯޓެއް ނެގުމުގެ ބަދަލުގައި ފާޅުގައި ވޯޓުދީގެން ފަނޑިޔާރުން ކަނޑައަޅަން ނިންމާފައިވާކަމަށް ވިދާޅުވިއެވެ. އަދި ފަނޑިޔާރުން ނެގުމުގައި އެންމެ އިސްކަން ދޭނީ ނަޒާހަތްތެރި ފަނޑިޔާރުން ނެގުމަށްކަމަށް ހިސާން ފާހަގަ ކުރެއްވިއެވެ.

ކޯޓުތަކުގެ އިދާރީ ނިޒާމަށް ގެނައި ބަދަލަކީވެސް ނަޒާހަތްތެރި ފަނޑިޔާރުގެތަކެއް ޤާއިމުކުރުމަށް ކުރާ މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ.

ޙިސާން މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ޖޭއެސްސީން ޤާނޫނާ ޚިލާފަށް ޢަމަލު ކުރަމުންދާކަމަށް ވިދާޅުވެ އުއްތަމަ ފަނޑިޔާރު ޑރ.މުހައްމަދު އަބްދުﷲ ދީދީ ބަޔާންތަކެއް ނެރުއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. މި ރަސްމިޔާތުގައި ޖޭއެސްސީގެ މެމްބަރުންގެ އިތުރުން އުއްތަމަ ފަނޑިޔާރު ވެސް ބައިވެރިވަޑައިގަންނަވައެވެ.

ހައިކޯޓަށް އަލަށް ޢައްޔަން ކުރެއްވާފައިވަނީ ހާތިފް ހިލްމީ އާއި ހުސެއިން މަޒީދެވެ.