ޚަބަރު

ހާތިފާއި މަޒީދު، ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވައި ކުރައްވައިފި


ހައި ކޯޓުން ހުސްވެފައި އޮތް ދެ ފަނޑިޔާރުންގެ މަޤާމަށް ހާތިފް ހިލްމީއާއި ހުސައިން މަޒީދު މިރޭ އައްޔަން ކުރައްވައިފިއެވެ.

ހާތިފާއި މަޒީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގަމާ ހަވާލުވެވަޑައިގެން މަގާމު ހުވައި ކުރައްވީ އެކަމަށްޓަކައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެފަނޑިޔާރުންނަށް ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއެވެ. އަދި ދެފަނޑިޔާރުންނަށް ފަނޑިޔާރުކަމުގެ ފަތްކޮޅު ދެއްވީ ޖޭއެސްސީގެ ރައީސް އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރު ޢަބްދުﷲ އަރީފެވެ.

ހުވައި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޖޭއެސްސީގެ ބައެއް މެމްބަރުންނާއި ހައިކޯޓުގެ ބައެއް ފަނޑިޔާރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

މިރޭ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވި ހާތިފާއި މަޒީދު ކުރިން މަސައްކަތްކުރެއްވީ ސިވިލް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައެވެ. އެދެބޭފުޅުން ހައި ކޯޓަށް ޢައްޔަން ކުރެއްވުމާއެކު ހައިކޯޓުގައި ތިބުމަށް ޤާނޫނުގައި ބުނާ ޢަދަދަށް މިހާރު ވަނީ ފަނޑިޔާރުން ހަމަވެފައެވެ.