ޚަބަރު

ރައީސް ޔާމީންގެ ޝަރީޢަތް ދެން ލައިވްކުރެވޭނީ ދެ ފަރާތުން އެއްބަސްވާނަމަ


ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ޓެލެކާސްޓް ކުރުމުގެ އުސޫލު އަލުން މުރާޖަޢާ ކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުގައި ހިނގާ ޝަރީޢަތްތައް ލައިވްކުރުމުގައި ޢަމަލުކުރާން ގޮތް ބަޔާންކޮށް އެކޯޓުން ދާދިފަހުން އެކުލާވާފައިވާ އުސޫލު އަލުން މުރާޖަޢާކުރުމަށް ނިންމީ ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުގެ އިއްތިފާޤުންނެވެ. އެމަޖިލީހުން ފާސްކުރައްވާފައިވަނީ އުސޫލު އަލުން މުރާޖާ ކުރުމުންނޫނީ ދެން ޝަރީޢަތުގެ މަޖިލިސް ޓެލެކާސްޓްކުރުމަށް އަލުން ފުރުސަތު ނުދިނުމަށެވެ.

ނަމަވެސް މިހާރު ޓެލެކާސްޓް ކުރަން ފެށިފައިވާ މައްސަލަ ޓެލެކާސްޓު ނުކުރުމަށް ނިންމައިފިނަމަ، ސުވާލު އުފެއްދުމުގެ ޖާގައޮތުމުން، އެމައްސަލައިގެ ދެފަރާތުންކުރެ ފަރާތަކުން ޓެލެކާސްޓް ކުރުމަށް އިޢްތިރާޟް ނުކުރާނަމަ، ޓެލެކާސްޓް ކުރުމަށް އެ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކުރިއެވެ. އަދި ދެން އެންމެ އަވަހަށް ބޭއްވޭ އަޑުއެހުމެއްގައި ޓެލެކާސްޓް ކުރަން ފެށުމުގެ ކުރިން އެކަމާއިމެދު ދެފަރާތުގެ ބަހެއް ހޯދުމަށްފަހު ކުރިއަށް ގެންދިޔުމަށް ވެސް ނިންމިއެވެ.

ކްރިމިނަލް ކޯޓުގައި މިވަގުތު ހަމަ އެކަނި ޓެލެކާސްޓްކުރުމުގެ ހުއްދަ ދީފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ދައުވާގެ ޝަރީއަތެވެ. އެ ޝަރީއަތް ޓީވީ މެދުވެރިކޮށް ލައިވްކުރަމުންދާއިރު ދެން އަޑުއެހުން ލައިވްކުރުމުގެ ކުރިން ޓީވީން ޝަރީއަތް ލައިވްކުރުމާމެދު ފެންނަނީ ކިހިނެތްތޯ ރައީސް ޔާމިންގެ ކިބައިންނާ ދައުވާ އުފުލި ދައުލަތުގެ ޕްރޮސެކިއުޓާ ޖެނަރަލްގެ ފަރާތުން ޝަރީއަތުން ސާފުކުރަން ޖެހޭނެއެވެ.

ޝަރީއަތް ލައިވްކުރުމާ ގުޅޭ ގޮތުން ހަދާފައިވާ އުސޫލު އަލުން މުރާޖާ ކުރުމަށް ނިންމި ގިނަ ސަބަބުތަކެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ޓެލެކާސްޓް ކުރުމުގެ އުޞޫލެއް ހެދިފައިއޮތް ނަމަވެސް، އެއުޞޫލުގެ ދަށުން އެއްވެސް އިސްތިސްނާއެއްނެތި ޝަރީޢަތްތައް ޓެލެކާސްޓް ކުރެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއްކަމަށް ނުވުން ހިމެނެއެެވެ.

އަދި ބައެއް މައްސަލަތަކަކީ އެމައްސަލައެއްގެ ޝަރީޢަތް ވަގުތުން ޓެލެކާސްޓު ކުރުމުން ޢާންމު ރައުޔަށް ނޭދެވޭ އަސަރުތަކެއް ކުރާނެ މައްސަލަތަކެއް ކަމަށްވުމާއި، އޭގެ ސަބަބުން އެއްބަކަށް ފައިދާވެ އަނެއްބަޔަކަށް ގެއްލުން ވުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮންނަ ކަމަށް ކްރިމިނަލް ކޯޓުގެ އެ ނިންމުމުގައި ވަނީ ނިންމާފައިއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން މުޖުތަމަޢުގައި ފިތުނަ އުފެދުމަށް ޖާގަ ހުޅުވިގެން ދިޔުމާއި، ޢަދުލު އިންސާފާއިމެދު މީހުންގެ ހިތްތަކުގައި ޝައްކު އުފެދިގެން ދާނެ ކަމަށް ވަނީ ނިންމާފައެވެ.

އަދިއެހެންމެ ބައެއް މައްސަލަތަކަކީ އެކަމެއްގައި ހިމެނޭ އެއްބައެއްގެ މައްޗަށް ޝަރީޢަތް ހިގަމުން ދާއިރު ހަމަ އެކަމުގައި ހިމެނޭ އެހެން ބައެއްގެ މައްޗަށް ތަޙްޤީޤު ހިނގަމުންދާ މައްސަލަތަކަށްވުމުން އެޙާލަތުގައި ޝަރީޢަތް ޓެލެކާސްޓް ކޮށްފިނަމަ ތަޙްޤީޤަށް ނޭދެވޭ އަސަރު ކުރާނެ ކަމަށާއި ފަހުން ޝަރީޢަތަށް އަންނަ މައްސަލައަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް އެ އުސޫލު މުރާޖާ ކުރުމަށް ނިންމި ނިންމުމުގައިވެއެވެ.

މީގެ އިތުރުން ވެސް ހެކިންގެ ގޮތުގައި ޝަރީޢަތަށް ހުށަހެޅިފައިވާ މީހުން މައްސަލައިގެ އަޑުއެހުމަށް ނުވެއްދޭއިރު، އެ ޙާލަތުގައި ޝަރީޢަތް ޓެލެކާސްޓް ކުރުމުން ފަހުން ހުށަހެޅޭ މައްސަލައިގައި ހެކިބަސްދޭން ހުށަހެޅިދާނެ މީހުންގެ އިވުމާއި ފެނުމުގެ ތެރެއިން ޝަރީޢަތުގެ ގިނަކަންކަން ހިނގާފައި އޮތުމުން، ހެކިންގެ ގޮތުގައި ޝަރީޢަތަށް ހުށަހެޅިފައިވާ މީހުން އަޑުއަހަން ނުވެއްދުމުގެ ބޭނުން ނެތިދިއުމާއި، ނަތީޖާއެއްގެ ގޮތުން ހެކިބަސް އެއްގޮތް ކުރުމަށް މަސައްކަތް ކުރެވޭ ގޮތަށް އޮތުމުން އިންސާފަށް ހުރަސް އެޅުމުގެ ފުރުސަތު އޮތް ކަމަށްވެސް އެ ނިންމުމުގައިވެއެވެ.