ޚަބަރު

ޤާޟީ ޢަލީ ރަޝީދުގެ ގެކޮޅަށް ދިން ހަމަލާގެ މައްސަލަ ބެލުމަށް ޖޭއެސްސީން ގޮވާލައިފި


ކްރިމިނަލް ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި ޤާޟީ ޢަލީ ރަޝީދު ހުސެއިން ދިރިއުޅުއްވާ އެޕާޓްމަންޓްގެ ދޮރުކޮޅަށް ކޯރާޑީއަކުން ގެއްލުން ދިން މައްސަލަ ކުށްވެރިކޮށް އެކަންކުރި ބަޔަކު ހޯދަ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ގޮވާލައިފިއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ޤާޟީ ޢަލީ ރަޝީދު ދިރިއުޅޭ އެޕާޓްމަންގެ ދޮރުކޮޅަށް ކޯރާޑިއަކުން ދިން ގެއްލުމާ ގުޅިގެން ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ޤާޟީ ޢަލީ ރަޝީދާއި އާއިލާގެ ސަލާމަތާއި ރައްކާތެރިިކަމަށް ކަމާ ބެހޭ އިދާރާތަކުން އަޅާ ފިޔަވަޅުތައް ގާތުން އެ ކޮމިޝަނުން ބަލަމުންދާނެ ކަމުގެ ޔަގީންކަން އެންމެހާ ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދޭ ކަމަށެވެ.

ފަނޑިޔާރުންގެ މުސްތަގިއްލުކަމާއި މިނިވަންކަމަށް އަސަރުކުރާ ފަދަ އަދި ފަނޑިޔާރުންގެ އިތުބާރާމެދު މުޖުތަމައުގައި ޝައްކާ ވަހުމް އުފެދޭފަދަ އެއްވެސް ކަމެއް ނުކުރުމަށް އެންމެހާ ފަރާތްތަކަށް ޖޭއެސްސީ އިން ވަނީ އިލްތިމާސްކޮށްފައިއެވެ.

މީގެ އިތުރުން ފަނޑިޔާރުން އަދާކުރައްވަމުން ގެންދަވާ ޝަރުއީ އަދި ދުސްތޫރީ ޒިންމާ އަދާކުރުމަށް އެކި ފަރާތްތަކުން ކުރިމަތިކުރުވާ ނުރައްކާތެރި ނުފޫޒުތަކާއި ބިރުވެރި ހަމަލާތަކުން ފަނޑިޔާރުންނާއި ޝަރުއީ ނިޒާމް ސަލާމަތްކޮށް ފަނޑިޔާރުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ހާއްސަ އަހަމިއްޔަތުކަމެއް ދީގެން ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށްވެސް ޖޭއެސްސީ އިން އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.