ޚަބަރު

އާ ސަރުކާރުކާރަށް 1 އަހަރު: ކޯލިޝަނާއެކު ކާމިޔާބީތަކެއް


ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރަށް އިތުރު ދައުރަކަށް ފުރުޞަތު ނުދީ ރާއްޖޭގެ ވެރިކަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި ރައްޔިތުން ހަވާލުކުރީ ބޮޑު އަޣުލަބިއްޔަތަކާއެކުގައެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓެއްގެ ގޮތުގައި ނިކުމެވަޑައިގެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ނުހަނު ފަސޭހަކަމާއެކުގައެވެ. ޤައުމަށް ކުރިމަތިވެފައި އޮތް ބޮޑެތި މައްސަލަތަކުން އަރައިގަތުމަށް ޤައުމުގެ ހުންގާނު ރައީސް ޞާލިހާއި ރައްޔިތުން ހަވާލު ކުރީ ބޮޑު އިތުބާރަކާއެކުގައެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ސަރުކާރަށް މިއަދު އެއް އަހަރު ފުރިފައިވާއިރު އާ ސަރުކާރުގެ ފުރަތަމަ އެއް އަހަރު ރާއްޖެ މި ވަނީ މުޅިން އާ ތަޖުރިބާތަކެއް ކޮށްފައެވެ.

ރައީސް ޞާލިޙްގެ ސަރުކާރު އެކުލެވިގެން ވަނީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުމޫނުގެ ސަޕޯޓަރުގެ މައްޗަށް ހިމެނޭ ކޯލިޝަނުގެ މައްޗަށެވެ. ސަރުކާރު ހިންގަމުން ގެންދަނީ މި ހުރިހާ ޕާޓީތަކެއްގެ އިސް ލީޑަރުންގެ ތެރޭގައި ހިމެނޭ ބޭފުޅުން ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބަވައިގެންނެވެ. ކޯލިޝަން ސަރުކާރުތަކުން މީގެ ކުރިން ކޮށްފައިވާ ތަޖުރިބާތަކާ ޚިލާފަށް މި ސަރުކާރުގައި ކޯލިޝަނުގެ ލީޑަރުންގެ ހިތްހަމަ ނުޖެހުމެއް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަކަށް ނެތެވެ. ކޮންމެ ސިޔާސީ ޕާޓީގެއެއްގެ މެދުގައިވެސް ސިޔާސީ ޚިޔާލުތަފާތުވުން ހުރި ނަމަވެސް ރައީސް ޞާލިޙް ކޯލިޝަން ސަރުކާރު ދެމެހެއްޓުމުގައި ގެންގުޅުއްވާ ހިކުމަތްތެރި ދުރުވިސްނުންފުޅަށް ޕާޓީގެ ލީޑަރުންގެ ތަޢުރީފު ދަނީ ލިބެމުންނެވެ.

ސަރުކާރުގެ ކިބައިން އޯގާތެރި ސިފަތަކެއް

ރައީސް ޞާލިޙް ރާއްޖޭގެ ރައީސް ކަމަށް ވަޑައިގެންނެވިއިރު އާންމު ގިނަ ރައްޔިތުންގެ ޝަކުވާއަކަށް ވެފައި އޮތީ ސަރުކާރުގެ އޯގާތެރިކަން ރައްޔިތުންނަށް ބޭނުންވެފައިވާ ވާހަކައެވެ. ރައީސް ޞާލިޙްގެ ވެރިކަން ފެށިގެންއައީވެސް ނިކަމެތި ރައްޔިތުން އެއީ އުޅޭ ބައެއްކަން ހަނދާން ހުންނަނީ ވޯޓެއް ކައިރިވީމަ ކަމަށްބުނެ އެތައް ރައްޔިތަކު މާޔޫސްވެފައި ތިބި ދަނޑިވަޅެއްގައެވެ. ނަމަވެސް
ރައީސް ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށްދިނުމަށް މުހިންމު ނިންމުންތަކެއް ނިންމެވިއެވެ.

އޭގެ ތެރޭގައި ވިހެއުމާއެކު ވަޒީފާއިން ވަކިވެގެން ދަރިފުޅު ބަލަން ގޭގައި މަޑުކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށްޓަކައި ވިހެއުމާއި ގުޅިގެން މައިމީހާއަށް މުސާރައާއެކު ދޭ ޗުއްޓީ 6 މަސްދުވަހަށް އިތުރުކޮށް ބައްޕައަށް އެއް މަސް ދުވަހުގެ ޗުއްޓީއެއް މުސާރަ އާއެކު ދޭން ވަނީ ފަށާފައެވެ. އަދި ކޮންމެ ދަރިވަރަކީ ވެސް ހެނދުނުގެ ނާސްތާ ލިބިގެން ކިޔަވަންފަށާ ކުއްޖެއްކަން ކަށަވަރުކުރުމަށް ހުރިހާ ސުކޫލެއްގައި ހެނދުނު ނާސްތާ ޕްރޮގުރާމް ވަނީ ފަށާފައެވެ. އަދި މަތީތަޢުލީމަށް ކިޔަވަން ބޭނުންވިނަމަވެސް މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ކިޔަވަން ފުރުޞަތު ނުލިބިތިބި ޒުވާނުންނަށް ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވޭނެ ފުރުޞަތާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމަށް ކިޔެވޭނެ ފުރުޞަތުތަކެއް ވަނީ ފަހިކޮށްދީފައެވެ. މީގެ އިތުރުން މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނެސް އަންހެނުންނަށް ބޭނުންވާ ޕެޑާއި ޓެމްޕެކްސްފަދަ ޒަރޫރީ ބާވަތްތަކުން ނަގާ ޖީއެސްޓީ އުވާލުންފަދަ މުހިންމު ބަދަލުތަކެއް މި ސަރުކާރުން އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އަލަށް ތަޢާރަފްކުރިކަން ފާހަގަކޮށްލެވެއެވެ.

އޯގާތެރި ސަރުކާރެއްގެ ސިފަތައްކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޤަބޫލުކުރާ ކަންކަން މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން މި ވޭތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މިޙައްމަދު ޞާލިޙް ވަނީ ރާޢްޖޭގެ 75 ރަށަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާފައެވެ. ރައްޔިތުންނާ ގުޅުންހުރި ބައެއް މައްސަލަތަކުގައި ހައްލު ހޯދިދޭނެ ގޮތާ ގުޅޭ ގޮތުން ހޮޅުއަށީގެ ނަމުގައި ބައްދަލުވުންތައް ބާއްވަވާ ރައްޔިތުންނާއެކު ހިޔާލު ބަދަލު ކުރެއްވެވިއެވެ. އަދި ރަށްރަށުގެ ގިނަ ކައުންސިލްތަކާވެސް ރައީސް ޞާލިޙް ވަނީ ބައްދަލު ކުރައްވާފައެވެ.

ރަށްރަށުގެ ތަރައްޤީއަށް މަޝްރޫއުތަކެއް


ރާއްޖޭގައި އާ ޤާނޫނު އަސާސީއަށް އަމަލު ކުރަން ފެށިފަހުން މިހާތަނަށް އައިރުވެސް ލާމަރުކަޒީ ނިޒާމް އޭގެ އެންމެ ފުރިހަމަ މާނައިގައި ގެނެވިފައިނުވާ ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ. އަދި ސިޔާސީ މަސްރަހަށް އައި ބަދަލުތަކާއެކު ކައުންސިލްތަކުގެ ބާރުތައް ސަރުކާރުން ހިފެހެއްޓިތަންވެސް ވަނީ މީގެ ކުރިން ފެނިގެން ގޮސްފައެވެ. ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަތުމާއެކު ކައުންސިލްތަކަށް ބާރުތައް ދޫކޮށް ކައުންސިލްތައް ޒިންމާދާރު ކުރުމުގެ މަސައްކަތް ފެއްޓެވިއެވެ. އަދި ކައުންސިލްތަކަށް މީގެ ކުރިން ލިބިފައިނުވާ ބާރުވެރިކަން ދީ މާލީގޮތުން ދިމާވެފައިވާ ގޮންޖެހުންތައް ނިމުމަކަށް ގެނައުމަށް ލާމަރުކަޒީ ޤާނޫނަށް އިސްލާހުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

ރައީސް ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ތަރައްޤީޤެ މުހިންމު މަޝްރޫއުތަކެއް ފެށި ބޮޑެތި މަޝްރޫއުތަކެއް ފެށޭނެކަން ވަނީ އިއުލާންކުރައްވާފައެވެ. ސަރުކާރުން ގެންނެވި އުމްރާނީ ތަރައްޤީތަކަށް ބަލާއިރު ރަށްރަށުގެ ސްކޫލްތަކާއި މިސްކިތްތައް އިމާރާތްކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެއް ރަށުގެ ބަނދަރު ހަދާ ނިމިފައިވާއިރު 14 ބަނދަރުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އަދި 20 ރަށެއްގެ ބަނދަރު ހެދުމަށް ކޮންޓްރެކްޓް ކުރެވިފައިވާއިރު 26 ރަށެއްގެ ބަނދަރު ހެދުމަށް ޓެންޑަރ ކުރެވިފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުން ފަދަ ކަންކަމީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެކެވެ.

އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް


ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައިވެސް ސަރުކާރުގެ ފުރަތަމަ އަހަރު މުހިންމު މަސައްކަތްތަކެއް ވަނީ ކުރައްވާފައެބެ. އޭގެ ތެރެއިން ފެނާ ނަރުދަމާ ގާއިމު ކުރުމަށް 33 މަޝްރޫޢުގެ ކޮންޓްރެކްޓް ކުރެވިފައިވާއިރު 4 ރަށެއްގައި ޢަމަލީ މަސައްކަތް ކުރިޔަށްދާކަން ފާހަގަކޮށްލެވެ އެވެ. އަދި ސަރުކާރުގެ ފުރަތަމަ އަހަރު ނިމިނުއިރު ފެނާ ނަރުދަމާގެ 70 މަޝްރޫޢު ޓެންޑަރ މަރުހަލާގައި އެބަ އޮތެވެ. އަދި ފެން ހިންދާ ނިޒާމް ޤާއިމު ކުރުމުގެ 2 މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިޔަށްދާއިރު އެއް މަޝްރޫޢު ވަނީ ކޮންޓްރެކްޓް ކުރެވިފައެވެ. އަދި 5 މަޝްރޫޢެއްގެ ޓެންޑަރ މަރުހަލާގައި ނިމިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މި ސަރުކާރަށް 1 އަހަރު ފުރުނުއިރު، ކުރީ ސަރުކާރުން ކޮށްފައިވާ ޤާނޫނާ ޚިލާފު ކަންތައްތަކުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވިކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ. އަދި އަމާން ވެއްޓެއް ޤާއިމް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނުކަންވެސް ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ. އަދި މި މަސައްކަތްތަކާއެކު ސަރުކާރުން ވަނީ ރެކޯޑްތަކެއްވެސް ހަދާފައެއެވެ. އެގޮތުން ވޭތުވެދިޔަ 6 އަހަރަށް ބަލާއިރު އަނިޔާވެރި ކުށްތައް އެންމެ މަދުން ހިންގާފައިވަނީ ރައީސް ޞާލިޙުގެ ވެރިކަމުގައި މިދިޔަ 1 އަހަރު ދުވަހުގެ ތެރޭގައިކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ގްރޫޕް މާރަމާރީ ހިންގި ނިސްބަތްވަނީ މި ސަރުކާރާ ހަވާލުވުމުގެ ކުރީ އަހަރާ އަލާބަލާއިރު %50 މިއަހަރު މަދުވެފައެވެ. ރާއްޖޭގެ އިޖްތިމާޢީ ހަމަޖެހުން އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާއިރު މި ސަރުކާރު އައިފަހުން ގްރޫޕް މާރާމާރީއާއި، ގޭންގް ކުށްތަކުގައި އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ. އެހެން ނަމަވެސް ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން، އޭގެ ކުރީ ހަ އަހަރުގެ ތެރޭގައި އެކަނިވެސް މާރާމާރީއާއި ގޭންގް ކުށްތަކުގައި 21 މީހުންގެ ފުރާނަ ގެއްލިފައިވެއެވެ.

ގްރޫޕްތަކުގެ މެދުގައި ހިންގާ މާރާމާރީއާއި، ކުށްތަކުގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އިޖްތިމާޢީ ބޮޑު މައްސަލައެއް ނަމަވެސް ފުލުހުންގެ އާ ސިޔާސަތުތަކާއެކު މާލެތެރެއާއި އެކި ރަށްތައްވެސް ރަނގަޅު ނިޒާމެއްގެ ދަށުން މޮނިޓަރކުރަންވަނީ ފަށާފައެވެ. އަދި ފުލުހުންގެ ޚިދުމަތް ނެތް ރަށްރަށުގައި ފުލުހުންގެ ޑެސްކުތަކެއް ޤާއިމް ކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މިއީ އާންމު ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ފަށާފައިވާ ޚާއްޞަ މަސައްކަތްތަކެކެވެ.

މި ސަރުކާރަށް 1 އަހަރު ފުރުނުއިރު އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީވެސް އުންމީދި ބަޖެޓެކެވެ. 37.5 ބިލިއަން ރުފިޔާގެ މި ބަޖެޓުގައި ސަރުކާރުގެ ވަޢުދުތައް ފުއްދުމަށް މުހިންމު މަޝްރޫޢުތަކެއް ވަނީ ހިމަނާފައެވެ.