ޚަބަރު

އާ ބެންޗާއެކު ރައީސް ޔާމީންގެ ޝަރީއަތް މިއަދު މެންދުރު ފަހު


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ބާއްވާ ޝަރީއަތުގެ މަޖިލިސް މިއަދު މެންދުރު ބާއްވަން ތާވަލުކޮށްފިއެވެ.

އަޑުއެހުންތައް ނިމި ހުކުމް ކުރުމާ ހަމައަށް ގޮސްފައިވަނިކޮށް އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ހައިލަމް ސަސްޕެންޑް ކުރުމާ ގުޅިގެން އެ ކޯޓުން ވަނީ އެ މައްސަލަ ބެންޗަކުން ބެލުމަށް ނިންމާފައެވެ. ނަމަވެސް އެ މައްސަލައިގައި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ކޮން ގާޒީންނެއް ކަމެއް އަދި ސާފެއްނުވެއެވެ. މިއަދުގެ ޝަރީއަތުގެ މަޖިލިސް އޮންނާނީ މެންދުރު 1:30ގައެވެ.

މައްސަލަ ބައްލަވާ ގާޒީ ބަދަލުވުމާ އެކު ދެން ހުކުމް ކުރުމުގެ ކުރިން އަޑުއެހުމެއް ބާއްވާނެ ކަމަށްވަނީ ބެލެވިފައެވެ. މި މައްސަލައިގެ އަޑުއެހުންތައް މީގެ ކުރިން ޓީވީ މެދުވެރިކޮށް ލައިވްކުރިނަމަވެސް، ކްރިމިނަލް ކޯޓުގައި ހިނގާ ޝަރީއަތް ޓެލެކާސްޓް ކުރުމާ ބެހޭ އުސޫލު މުރާޖާކުުރުމަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ ނިންމާފައެވެ. އަދި މި މައްސަލައިގެ އަޑުއެހުންތައް ލައިވްކުރުމުގެ ކުރިން ޝަރީއަތުން ދައުވާ ލިބޭ ފަރާތާއި ދައުވާ ރައްދުވާ ފަރާތުގެ އިއުތިރާޒެއް އޮތްތޯ ބަލަން ޖެހޭނެ ކަމަށް ވަނީ ނިިންމާފައެވެ.

ރައީސް ޔާމިންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކޮރަޕްޝަނުގެ ފައިސާ ކަމަށް ތުހްމަތު ކުރެވޭ ފައިސާ އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާވެފައިވަނިކޮށް އެ ފައިސާ އިންވެސްޓްކޮށް އަދި އޭގެ އަސްލު އޮޅުވާލުމަށް މަސައްކަތްކޮށްފައިވާކަމަށް ތުހްމަތު ކުރެވޭ މައްސަލައިގައެވެ. ރައީސް ޔާމިންގެ މައްޗަށް މަނީ ލޯންޑްރައިންގެ ދައުވާ އުފުލާފައިވަނީ މަނީ ލޯންޑްރިންނާއި ޓެރަރިޒަމްއަށް ފައިނޭސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ ށ ދަށުނެވެ.

އެ ޤާނޫނު ބުނާ ގޮތުން މަނީލޯންޑްރިންގެ ކުށެއް ކޮށްފި މީހަކަށް ކުށްސާބިތުވެއްޖެނަ ދެ ގޮތަކަށް އަދަބު ދެވިދާނެއެވެ. އެއް ގޮތަކީ އެމީހަކު 100,000 (އެއްލައްކަ) ރުފިޔާއާއި 1,000000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި ދެ ވަނަ ގޮތަކީ ޢަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ ޢަދަދު (ލޯންޑަރކުރި ފައިސާގެ ޢަދަދު) ގެ 5 ގުނައަށްވުރެ އިތުރުނުވާ ޢަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.