ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި


ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ 3 ފަނޑިޔާރެއްގެ މަޤާމު ހުސްވުމާ ގުޅިގެން އެމަޤާމަށް ޢައްޔަން ކުރެއްވާނެ ބޭފުޅުންނާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ މަޤާމަށް ކުރިމަތިލެއްވުމަށް ޢާންމުކޮށް ހުޅުވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މަގާމު ހުސްވީ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި ޑރ.މުޙައްމަދު ޢަބްދުﷲ ދީދީ އާއި ފަނޑިޔާރުގެ މަގާމުގައި ހުންނެވި އާދަމް މުހައްމަދު ފަނޑިޔާރުކަމުން ވަކި ކުރުމާ ގުޅިގެންނާއި އެކޯޓުގެ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ އަރީފު ރިޓަޔާ ކުރެއްވުމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމަށް ޢައްޔަން ކުރާނެ ބޭފުޅުންނާ ގުޅޭގޮތުން ޖޭއެސްސީން ރައީސުލް ޖުމްހޫރިއްޔާއަށް ލަފާފުޅެއް އަރުއްވަން ޖެހިވަޑައިގަންނަވައެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ބޭފުޅަކާ ގުޅޭ ގޮތުންވެސް ޖޭއެސްސީގެ ލަފާފުޅަކަށް ރައީސުލް ޖުމްހޫރިއްޔާއަށް އެދިވަޑައިގެންނެވިދާނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެއެވެ.

އޭގެ ފަހުން ޖޭއެސްސީއިން ދެއްވާ ލަފާފުޅެއްގެމަތިން ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ބޭފުޅަކު ފަނޑިޔާރުކަމަށް އައްޔަން ކުރައްވަން ފެނިވަޑައިގަންނަވާތޯ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ނަންފުޅުތައް ފޮނުއްވަން ޖެހިވަޑައިގަންނަވައެވެ.

ޖޭއެސްސީން ކޮށްފައިވާ އިޢުލާނުގައިވާގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވުމަށް މިމަހުގެ 28ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް ވަނީ ހުޅުވާލައްވާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވޭނީ އުމުރުން 30 އަހަރުން މަތީގެ މީހުނަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމީ ފެންވަރުގެ ގޮތުގައި ކަނޑައަޅާފައި އޮންނަނީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމެވެ.