ޚަބަރު

މެޖިސްޓްރޭޓުންގެ ފޯން އެލަވަންސަށް 500 ރުފިޔާ ދޭން ހުށަހަޅަނީ


އެހެން ފަނޑިޔާރުންނެކޭ އެއްފައިދައިން މެޖިސްޓްރޭޓުންނަށްވެސް ފޯން އެލަވަންސްގެ ގޮތުގައި މަހަކު 500 ރުފިޔާ ހަމަޖައްސައިދިނުމަށް މަލީހަށް ހުށަހެޅަން ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި އެކޮމިޝަންގެ 84 ވަނަ ބައްދަލުވުމުގައި ވަނީ ރަށްރަށުގައި ހަރަކަތްތެރިވާ މެޖިސްޓްރޭޓުންނަށްވެސް އެހެން ފަޑިޔާރުންނަށް ދެމުންދާ ފޯން އެލަނަވަންސް ދިނުމަށް ނިންމާފައެވެ. އަދި މިކަން ކުރެވޭނީ ޖޭއެސްސީން މަޖިލީހަށް ހުށަހަޅައި މަޖިލީހުން ފާސްކުރުުން ކަމަށްވާތީ މިއަދުގެ ބައްދަލުވުމުގައިވަނީ މިމައްސަލަ މަޖިލީހަށް ފޮނުވުމަށް ނިންމާފައެވެ.

މިއަދުގެ ބައްދަލުވުގައިވަނީ ތަޢުލީމާއި ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވެވޭނެ ފުރުޞަތު ފަނޑިޔާރުންނަށް ވީހާވެސް ފުޅާގޮތުގައި ހުޅުވައިލުމަށްޓަކައި ހަރުދަނާ ސިޔާސަތެއް އެކުލަވާލައި އާންމުކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ދެންނެވުމަށްވެސް ނިންމާފައެވެ.

މި ސިޔާސަތު އެކުލަވައިލުމުގައި، ދައުލަތުގެ ޚަރަދުގައި އަދި ފަނޑިޔާރުންގެ އަމިއްލަ ޚަރަދުގައި މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެވޭނެ ގޮތާއި، މާލީގޮތުން ފަސޭހަ ލުއި އަދި ފަހި ސްކީމްތަކެއް ތަޢާރަފުކުރުމާއި، ތަޢުލީމާއި ތަމްރީނުތަކުގައި ބައިވެރިވުމަށް ބާރުއެޅޭ ގޮތަށް މިސިޔާސަތު ބައްޓަންކުރުމުގެ މުހިއްމުކަމުގެ މައްޗަށް މެމްބަރުންވަނީ މިއަދުގެ ބައްދަލުމުގައި ޝުއޫރުފާޅުކުރައްވާފައެވެ.

ހައްދުންމަތީ ފޮނަދޫގައި މިއަދު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމަކީ މިކޮމިޝަނުގެ ތާރީޚުގައި ފުރަތަމަފަހަރަށް އަތޮޅުތެރޭގައިބޭއްވި އެކޮމިޝަނުގެ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ރިޔާސަތު ބަލައްޓަވާފައިވަނީ ކޮމިޝަނުގެ ނާއިބުރައީސް އަލްއުސްތާޛުމަސްތޫރު ޙުސްނީއެވެ.