ޚަބަރު

އެމްއާރުއެމްގެ ރަސްޖިސްޓްރީ ޕާޓީއާ ހަވާލުކޮށްފި


މޯލްޑިވްސް ރިފޯމް މޫމްމަންޓް(އެމްއާރުއެމް) އުފެއްދުމަށްފަހު ޕާޓީގެ ރަޖިސްޓްރީ އެ ޕާޓީއާ މިއަދު ހަވާލުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ރަސްމިޔާތުގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އެމްއާރުއެމްއަށް ޕާޓީގެ ރަޖިސްޓްރީ ހަވާލުކޮށްދެއްވީ އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު އެވެ. އެ ޕާޓީގެ ފަރާތުން ރަޖިސްޓްރީއާ ހަވާލުވެވަޑައިގެންނެވީ ޕާޓީގެ އިންތިގާލީ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު އަދި ހައި އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހިމް ހަސަން އެވެ.

މި ރަސްމިޔާތުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ގަވައިދުތަކާ އެއްގޮތައް ޕާޓީގެ އަމަލުތައް ބެހެއްޓުމަށް އެދިވަޑައިގެންފައި އެވެ.

އޭނާގެ ވާހަކަފުޅުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނައުމަށް އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ ބައެއް އިސްލާހްތައްވެސް ހިއްސާ ކުރެއްވިއެވެ. އެގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގައި ޕާޓީތަކުން އިންތިހާބު ކާމިޔާބުކުރާ މިންވަރަކަށާއި ލިބޭ ވޯޓަށް ބެލުމަށް ގާނޫނަށް އިސްލާހް ގެނައުމަށް ހުށައަޅާފައިވާކަން ޝަރީފު ފާހަގަ ކުރެއްވި އެވެ.

އެމްއާރުއެމްގެ ފަރާތުން އެޕާޓީގެ އިންތިގާލީ އެގްޒެކެޓިވް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ފާރިޝް މައުމޫން ދެއްކެވި ވާހަކަފުޅުގައި ޕާޓީ އެހިނގާނީ ގާނޫނުތަކާ ގަވައިދުތަކާ އެއްގޮތަށްކަމަށް ވިދާޅުވި އެވެ.