ޚަބަރު

ކޮޅުފުށީ ސްކޫލްގައި 8 ކްލާސްރޫމާއި މަލްޓި ޕަރޕަސް ހޯލެއް ހަދަން ހަވާލުކޮށްފި


މ.ކޮޅުފުށި ސްކޫލްގައި 8 ކްލާސްރޫމް އަދި މަލްޓި ޕަރޕަސް ހޯލް އިމާރާތްކުރުމަށް މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ފައިނޭންސް އެގްޒެކްޓިވް ނައުޝާދު އިބްރާހީމްއެވެ. އަދި މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައީދެވެ. ދަޢުލަތުގެ ބަޖެޓުން ހަތް ލައްކަ ފަސްދޮޅަސް ނުވަހާސް ރުފިޔާއަށް އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 250 ދުވަހުގެ ތެރޭ ނިންމާގޮތަށެވެ. މިގޮތުން އަންނަ އަހަރުގެ އޯގަސްޓްމަހަށް މިމަސައްކަތް ނިންމޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މިއަހަރުގެ ދަޢުލަތުގެ ބަޖެޓުގެ ޕީއެސްއައިޕީގެ ދަށުން ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީގެ 40 މަޝްރުއެއް ކުރިއަށް ގެންދިޔުމަށްވަނީ ނިންމާފައެވެ. މީގެ ތެރެއިން 3 މަޝްރޫއަކީ އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިހާތަނަށް ވަނީ ތިރީހަށްވުރެ ގިނަ މަޝްރޫއ ހަވާލުކޮށްފައެވެ.