ޚަބަރު

ޕްރޮސެކިއުޓަރ ޖެނަރަލްގެ މަޤާމުން ބިޝާމް އިސްތިއުފާދެއްވައިފި


ޕްރޮސެކިއުޓަރ ޖެނަރަލްގެ މަގާމުން އައިޝަތު ބިޝާމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބިޝާމްގެ އިސްތިއުފާގެ ސިޓީ މިއަދު ލިބިވަޑައިގެންފައިވާކަމަށެވެ. އަދި އޭނާގެ އިސްތިއުފާ ޤަބޫލުފުޅުކުރައްވާ، އެ މަގާމުގައި ހުންނަވައިގެން ކުރެއްވި ހިދުމަތަށް ރައީސް ޞާލިހް ވަނީ ބިޝާމްއަށް ޝުކުރު އަދާކުރައްވާފައެވެ.

ބިޝާމް މަގާމުން އިސްތިއުފާ ދެއްވާފައި މި ވަނީ އެ މަގާމުން އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މަސައްކަތް ކުރަމުން ގެންދަނިކޮށެވެ. އަދި އެ ކޮމެޓީއަށް ހާޒިރުވުމަށް މިއަދު އޭނާއަށް އަންގާފައިވާއިރު އޭނާ ވަކި ކުރުމަށް ޖުޑީޝަރީ ކޮމިޓީން ކުރަމުންދާ މަސައްކަތްތަކީ އިހްލާސްތެރިކަމާއެކު ކުރާ މަސައްކަތެއް ނޫން ކަމަށާއި އެކަން ބަލައިނުގަންނަ ކަމަށް ވިދާޅުވެ އިސްތިއުފާގެ ކުރިން ބިޝާމް ވަނީ ބަޔާނެއް ނެރުއްވާފައެވެ.

ޕީޖީގެ މަގާމަށް ބިޝާމް އައްޔަން ކުރެއްވީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.