ޚަބަރު

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި


ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެންމެ އިސް ވެރިއަކަށް ހުންނަވާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ޗީފް އެޑްމިނިސްޓޭޓަރގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި މި ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނަށް ގެނައި އިސްލާހްގެ ދަށުން އުފެއްދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެންމެ އިސްވެރިއަކަށް ހުންނަންވާނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރކަމަށް ބުނެފައިވާތީ އެވެ.

އެ ގާނޫނުގައިވާ ގޮތުގެ މަތިން މިހާރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިނގަމުން ދަނީ ޖޭއެސްސީގެ ދަށުންނެވެ. އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމާ މައްސޫލިއްޔަތު މިހާރު އަދާކުރައްވަމުން ގެންދަވަނީ އެ އެންމެ ފަހުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމުގައި ހުންނެވި އަބްދުﷲ ނަޒީރުއެވެ.

ޖޭއެސްސީގެ ގާނޫނުގައި ބުނެފައިވަނީ އެ އިސްލާހަށް އަމަލު ކުރަން ފެށުމާއެކު ޖުޑީޝަލް އެޑްމިނިސްޓޭޓަރގެ މަގާމު އުވޭނެ ކަމަށާއި އެހެން ނަމަވެސް ޖުޑީޝަލް އެޑް މިނިސްޓްރޭޓަރގެ މަގާމުގައި ހުންނެވި ބޭފުޅަކު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމަށް ބޭފުޅަކު ހަމަ ޖައްސަންދެން އެ މަސްއޫލިއްޔަތު އަދާ ކުރައްވަން ވާނެކަމަށެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓޭޓަރގެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އަސާސީ މުސާރައިގެ ގޮތުގައި 30500 ރުފިޔާ ލިބޭއިރު އެހެނިހެން އިނާޔާތްތަކާއެކު ޖުމްލަ މުސާރައިގެ ގޮތުގައި 47500 ރުފިޔާ ލިބޭނެއެވެ.

މި މަގާމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ހޯމަ ދުވަހުގެ މެންދުރު އެކެއް ޖެހުމުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މިދިޔަ ސެޕްޓެމްބަރުމަހުގެ 3 ވަނަ ދުވަހު ޖޭއެސްސީގެ ޤާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާއެކު ޖުޑީޝަލް އެކެޑަމީގެ ޗާންސެލަރުގެ މަގާމުގައި ހުންނެވި އަހުމަދު މާޖިދުގެ މަގާމުވެސް ވަނީ ގެއްލިފައެވެ.