ޚަބަރު

ހޯމް މިނިސްޓަރަށް ވަކިވަކި ފުލުހުންނަށް އަމުރު ނުކުރެވޭގޮތަށް ފުލުހުންގެ ޤާނޫނު އިސްލާހު ކުރަނީ


ވަކިވަކި ފުލުހުންނަށް ޢުމުރު ކުރުމުގެ ބާރު ހޯމް މިނިސްޓަރަށް ނުލިބޭގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު އިސްލާހުކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ބަންޑާރަ ނާއިބުގެ އޮފީހުން ފޮނުވައިފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލެއް އެކުލަވާލާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުގެ މަޤުޞަދަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަލުން ކަނޑައަޅައި، ފުލުހުން ޖަވާބުދާރީކުރެވޭ ނިޒާމު އިޞްލާޙުކުރުމަށްޓަކައި ގާނޫނެއް ހެދުމެވެ.

"ފުލުހުންގެ ޚިދުމަތުގެ ބިލެއް ސަރުކާރުން ހުށަހަޅަން ނިންމީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި އެ ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމުކުރުމާއެކު ޤާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުމަށްޓަކައި، މިހާރު ޢަމަލުކުރަމުންދާ ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ ބަދަލުގައި އާ ޤާނޫނެއް ތަޢާރުފުކޮށް، ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިގެންވާ ގޮތާއި، ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ޚިދުމަތުގެ
މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ޚިދުމަތާގުޅޭ އެނޫންވެސް ކަންކަން އެ ޤާނޫނު މެދުވެރިކޮށް އަލުން ކަނޑައެޅުމެވެ." ބަންޑާރަ ނައިބު އޮފީހުން ވިދާޅުވެފައިވެ އެވެ.

ފުލުހުންގެ ޚިދުމަތުގެ ބިލު މެދުވެރިކޮށް އިޞްލާޙުކުރުމަށް ހުށަހެޅޭ މައިގަނޑު ކަންކަމުގެ ތެރޭގައި ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާގެ މައްޗަށް ބިނާވެގެންވާ ފުލުހުންގެ ޚިދުމަތެއް، ލާމަރުކަޒީ އުސޫލުން، އިދާރީ ދާއިރާތަކުގައި ފޯރުވައިދެވޭނެ އުސޫލު ތަޢާރުފުކުރުން ވަނީ ހިމަނާފައެވެ. އަދި ކޮމިޝަނަރ އޮފް ޕޮލިސް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް މީހުން ޢައްޔަންކުރުމުގެ އިޖުރާއަތު
އިތުރަށް ހަރުދަނާކޮށް، މަޤާމުގެ ޝަރުޠުތައް ކަނޑައެޅުމަށްވެސް އެބިލްގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން ޤާނޫނުއަސާސީއާއި ޤާނޫނުގެ ދާއިރާގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ހިންގުމަށް ކޮމިޝަނަރަށް ދޭންޖެހޭ މަޝްވަރާއާއި ލަފާ ދިނުމަށާއި، އެކަންކަން އެގޮތަށް ހިނގަމުންދާކަން ކަށަވަރުކުރުމަށްޓަކައި، ކޮމިޝަނަރަށް ލަފާދޭ ބަޔަކު ތިބެންވާނެ ކަމަށް ކަނޑައެޅުމަށްވެސް އެ ބިލްގައި ހިމަނާފައިވާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއެވެ. އަދި ވަކިވަކި ފުލުހުންނަށް މިނިސްޓަރަށް އަމުރުނުކުރެވޭނެ ކަމުގައި ކަނޑައެޅުމާއެކު، ފުލުހުންގެ ޚިދުމަތާގުޅޭ ކަންކަމުގައި މިނިސްޓަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތު މިހާރަށްވުރެ ސާފުކޮށް ބަޔާންކުރުމުގެ އިތުރުން ތަޙްޤީޤުތައް ހިންގުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރު މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ފުލުހުންގެ ޚިދުމަތް ޖަވާބުދާރީކުރުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ދައުރު ބަޔާންކުރުމާއެކު ކުށްކުރުން ހުއްޓުވުމާއި، އަމަން ބެލެހެއްޓުމާ ގުޅޭގޮތުން ފުލުހުންނަށް ލިބިދޭ ބާރުތައް އިތުރަށް ތަފްޞީލުކޮށް މި ބިލްގައި ބަޔާންކޮށްފައިވާނެ ކަމަށްވެސް ބަންޑާރަ ނައިބު އޮފީހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޤާނޫނުގައިވާ ގޮތުގެމަތިން މެނުވީ އެއްވުންތައް ރޫޅާލުމުގައި ޢަމަލުކޮށްގެންނުވާނެ ކަމަށް ކަނޑައެޅުމާއި، ބާރުގެ ބޭނުންކުރަންޖެހޭ ޙާލަތެއް އުފަންވެފައިނުވާ ޙާލަތެއްގައި ބާރުގެ ބޭނުން ނުކުރުމަށާއި، ބާރުގެ ބޭނުންކުރަންޖެހޭ ޙާލަތުގައި، ބޭނުންކުރާ ބާރަކީ، ކުރިމަތިވެފައިވާ ނުރައްކަލާ އެކަށޭނަ، ނިސްބަތްހަމަ ބާރަކަށް ވާންވާނެ ކަމަށް ކަނޑައެޅިގެން ގާނޫނަކުން ބަޔާން ކުރުމަށްވެސް މި ބިލްގައި ހިމަނާފައިވާ ކަމަށްވެސް ބަންޑާރަ ނައިބު އޮފީހުން ވިދާޅުވެއެވެ.