ރާއްޖޭގެ މަދަނީ އޭވިއޭޝަން ސިނާއަތް އިތުރަށް ތަރައްޤީކުރުމަށްޓަކައި މަދަނީ ވައިގެން ދަތުރުފަތުރުގެ ޤާނޫނު އަންނަ އަހަރު އިސްލާޙު ކުރަން ހުށަހަޅާނެކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.
މިނިސްޓަރ ނަހުލާ ދެއްވި ހިތާބުގައި ރާއްޖޭގެ މަދަނީ އޭވިއޭޝަން ސިނާޢަތް ތަރައްޤީވަމުން މިހާ ހިސާބަށް އައިރު ބަދަލުކޮށް އިސްލާހްކޮށް ޒަމާނީ ކުރަންޖެހިފައިވާ ކަންތައްތައް ހުރިކަން ފާހަގަކުރައްވާފައިވެއެވެ. މިގޮތުން ވައިގެ ދަތުރުފަތުރު ޤާނޫނު އިސްލާހުކުރަން ޖެހިފައިވާކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ޤާނޫނު އިސްލާޙު ކުރުމާއެކު މި ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށް މިހާރަށްވުރެ ފުރިހަމަ ޤާނޫނީ ތަރަޚައެއް ޤާއިމްވެގެންދާނެކަމަށެވެ. އަދި ތަރައްޤީވެފައިވާ ޤައުމުތަކުގެ އެފަދަ ޤާނޫނުތަކުގައި ހުންނަ މިންވަރަށް ސަލާމަތީ މިންގަނޑުތައް ޤާއިމްވެގެންދާނެކަމަށާއި ވައިގެ ދަތުރުފަތުރުގެ އެކްސިޑެންޓްތައް ތަޙުޤީގު ކުރެވޭނެ ދަޢުލަތުގެ މުސްތަޤިއްލު އިދާރާއެއްވެސް އޭގެ ދަށުން އުފެދިގެންދާނެކަމަށެވެ.
" ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ފުޅާކޮށް ރާއްޖެއާއި ބައިނަލްއަޤްވާމީ މުޖުތަމަޢާއި އޮތް ގުޅުންތައް ހަރުދަނާ ކުރުމުގެ ގޮތުން މި އަހަރުވެސް ގިނަ ޤައުމުތަކާކާއެކު އެއާ ސަރވިސް އެގްރީމަންޓް ތަކުގައި ސޮއިކުރެވިފައި ވާނެ. މި އެގްރީމަންޓްތަކުގެ ސަބަބުން އެ ޤައުމޔަކަށް ދިވެހިންނަށް ވައިގެ މަގުތުން ދަތުރުކުރުމުގެ ފުރުޞަތުތައް ތަނަވަސްމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއަށް އެދެވޭ ކުރިއެރުމެއް ލިބިގެންދާނެ." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.
މިނިސްޓަރ ނަހުލާގެ ޚިޠާބުގައި މި ސިނާޢަތަށް ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށްޓަކައި ފަސިންޖަރުންގެ ޙައްޤުތަކުގެ ޤާނޫނެއްގެ މުހިއްމުކަން ފާހަގަކުރައްވާ، އަންނަ އަހަރު އެކަމާ ގުޅޭ ޤާނޫނު އެކުލަވާލާނެކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ނަހުލާގެ ހިތާބުގައި ބައިނަލްއަޤްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަންނީ މުވައްޒަފުން ލިބުމުގެ ދަތިކަންކަމަށް ފާހަގަކުރެއްވިއެވެ. އަދި މި މައްސަލަ ހައްލުކުރުމަށްޓަކައި ބައިނަލްޢަޤްވާމީ ފެންވަރުގައި މަސައްކަތް ކުރައްވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ސްކޮލަރޝިޕް ސްކީމެއް ތަޢާރަފް ކުރާނެކަމަށް މިދިޔަ އަހަރު ވަނީ އިޢުލާންކޮށްފަ. އޭވިއޭޝަން ނެކްސްޓް ޖެންގެ ނަމުގައި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ސްކޮލަރޝިޕް ހާސިލްކުރާ ފުރަތަމަ ބެޗުގެ ދަރިވަރުންނަށް މި އަހަރުގެ އޭވިއޭޝަން ނައިޓްގައި އެކަމުގެ ލިޔުން ހަވާލުކުރާނެ." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.
މިނިސްޓަރ ނަހުލާ ވިދާޅުވީ ކުރިއަތް އޮތް ދުވަސްތަކުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީން އިސްތިރާޖީ ސިޔާސަތުތަކާއި ގުޅޭ ޕްލޭނެއް ތަޢާރަފްކުރާނެކަމަށެވެ. އެއާއެކު މަތީ ފެންވަރެއްގައި މިންގަނޑުތައް ދެމެހެއްޓުމަށް ސަލާމަތީ ޕްލޭން އެކުލަވާލާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަސް ފާހަގަކުރަމުންދާއިރު ރައްޖެއަށް ވަނީ އައިކާއޯގެ ސަލާމަތީ އެސެސްމަންޓުގެ ދާއިރާއިން "މެޗުއަރ ސްޓޭޓް"ގެ ދަރަޖަ ހާސިލްކޮށްފައެވެ. އަދި ވައިގެ ދަތުރުފަތުރުގެ ރާއްކާތެރިކަމުގެ ދާއިރާއިން ކާމިޔާބުތަކެއް ހޯދާފައިވާއިރު ރައްކާތެރިކަމުގެ ދާއިރާއިން އައިކާއޯ އޯޑިޓްގައި ރާއްޖެއިން ވަނީ މަތީ ދަރަޖަ މިއަހަރު ހޯދާފައެވެ.