ޚަބަރު

ޤާސިމް ހަސަން މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާ ކުށަށް އިއުތިރާފުވެއްޖެ


ތޫނު އެއްޗަކުން ހަމަލާދީ ޓެކްސީ ޑްރައިވަރު، ޤާސިމް ހަސަން މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާ ކުށަށް އިއުތިރާފުވެފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޤާސިމްގެ މަރުގެ މައްސަލައިގަ ހައްޔަރުކޮށްފައިވާ މީހާ ކުށަށް އެއްބަސްވުމުގެ އިތުރުން އޭނާ އެ އަމަލު ހިންގި އިރު ލައިގެން ހުރި އަންނައުނު ވެސް ފުލުހުން މިހާރު ހޯދައިފައިވާ ކަމަށެވެ.

އަދި މިކަމުގެ ތަފްސީލް ހާމަކުރުމަށް މިފެށޭ ހަފްތާގައި ބާއްވާ ޕްރެސް ކޮންފަރެންސްގައި ހާމަކުރާނެކަމަށް ކަމިޝަނާ ވިދާޅުވިއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް ކްރިމިނަލްކޯޓުން 15 ދުވަސް ދީފައިވާކަމަށް ކަމިޝަނާ ވިދާޅުވިއެވެ. މިމައްސަލާއި ހޯދަންޖެހޭ އިތުރުފޮރިންސިކް ހެކިތައް ހޯދުމުގެ މަސައްކަތް މިހާރުވެސް ފުލުހުން ކުރަމުންދާކަމަށް ސީޕީ ވިދާޅުވިއެވެ.

ފުލުހުން ކުރި މަސައްކަތުން ޤާސިމަށް ހަމަލާދިން ހަތިޔާރާއި ފޮރިންސިކް ހެކި ހޯދިފައިވާކަމަށާއި، ހެކިތައް ހޯދާފައިވަނީ ޤާސިމްގެ ހަށިގަނޑު ފެނުނު ސަރަހައްދުގެ 300 މީޓަރު ދުރުގައި ހުރި ގަސްތަކެއްގެ ތެރެއިންކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން، އދ.މާމިގިލީ ކަނީރުމާގޭ ޤާސިމް ހަސަން މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.

އޭނާއަށް ޙަމަލާދީފައި ވަނީ ހުޅުމާލޭގައި މީހުން އާބާދުވެފައިނުވާ، އަދި މިހާރު އިމާރާތްކުރުމުގެ މަސައްކަތްތައް ހިނގަމުންދާ ސަރަހައްދެއްކަމަށްވާ ރީތި ގަސް މަގާއި ގުޅިފައިވާ ގޯޅިއެއްގެ ތެރޭގައެވެ.

ޤާސިމް ހަސަނަކީ ހުޅުމާލޭގެ ތާރީޚުގައި އެރަށުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި 2 ވަނަ މީހާއެވެ. ހުޅުމާލޭގައި އެންމެ ފުރަތަމަ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލާފައި ވަނީ 2017 ވަނަ އަހަރު، ގާސިމްއަށް ޙަމަލާދިން ސަރަޙައްދުންނެވެ