ޚަބަރު

ޑިންގީ އާއި އޭގަތިބި ކުދިންނާއި އެކުދިންގެ ބައްޕަ ފީއަށްޔަށް ގެންގޮސްފި


ގެއްލިގެން ހޯދި ޑިންގީ އާއި އޭގައި ތިބި ތިން ކުދިންނާއި އެކުދިންގެ ބައްޕަ ފ. ފީއައްޔަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ، ގެއްލިގެން ހޯދި ޑިންގީގައި ތިބި މީހުންނާއި ޑިންގީ ފީއައްޔަށް ގެނެވުނީ، މިރޭ 21:15 ހާއިރުގައި ކަމަށެވެ.

ޑިންގީގައި ތިބީ ކުޑަ ތިންކުދިންނާއި އެކުދިންގެ ބައްޕައެވެ. ޑިންގީ ފެނުނު އިރު އެ އެންމެންގެވެސް ހާލު ރަނގަޅެވެ. ތިން ކުދިންނާއި އެކުދިންގެ ބައްޕަ ސިއްޙީ މަރުކަޒަށް ގެންގޮސް ވަނީ ޑޮކްޓަރަށްވެސް ދައްކާފައެވެ.

ޑިންގީ އާއިއެކު ހަތަރު ބަފައިން މާކަނޑަށް ބެހުނީ، ކޮޅިގަނޑުގައި ޖެހި މިސްރާބު އޮޅުމުންނެވެ.

"ޑިންގީގައި ދަނިކޮށް ކޮޅިގަނޑުގައި ޖެހިގެން، ދެވޭ ނުދެވޭ ދިމާއެއް ނޭނގޭތީ އިންޖީނު ނިއްވާލައިގެން ތިބީ ކަމަށް މައުލޫމާތު ލިބިފައިވޭ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ޑިންގީގެ އިންޖީނުގައިވެސް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

ޑިންގީ އާއި އޭގައި ތިބި ތިން ކުދިންނާއި އެކުދިންގެ ބައްޕަ ގެއްލިގެން ރިޕޯޓު ކުރުމާއި ގުޅިގެން އެކުދިންނާއި ޑިންގީ ހޯދުމަށް އެމްއެންޑީއެފާއި ފުލުހުން ހިންގި އޮޕަރޭޝަނާއި ގުޅޭ ގޮތުން އެމްއެންޑީއެފްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ ޑިންގީ ފެނިފައިވަނީ ހުކުރު ދުވަހުގެ ރޭ 8 ޖަހާކަންހާއިރު ކަމަށެވެ.

"ޑިންގީ ފެނިފައިވަނީ ފ.ހިމިތި ގެ ހުޅަނގުން 7 ނޯޓިކަލްމޭލު ބޭރުގައި ވަނިކޮށް. ޑިންގީ ފެނުނީ ޑިންގީ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދިޔަ މަހިބަދޫ ސީއެންބިއުލަންސަށް. ޑިންގީ ފެނިފައިވާއިރު އޭގައިތިބި އެންމެންގެ ހާލުވެސް ރަނގަޅުކަކަމަށް އެމްއެންޑީއެފްއިން ބުނެފައި." ކާނަލް މުހައްމަދު ސަލީމް ވިދާޅުވިއެވެ.

މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެއްކަމުން ހުރިހާ ފަރާތްތަކުންވެސް މިކަމަށް ޙާއްސަ ސަމާލުކަމެއް ދިނުމަށް ކަމާއިބެހޭ ހުރިހާ ފަރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.