ސިޔާސީ

މަޑުއްވަރީ އޮޕަރޭޝަންގައި ހާސިލްކުރަން ބޭނުންވި ހުރިހާކަމެއް ހާސިލްވެއްޖެ - ހޯމް މިނިސްޓްރީ


ހަރުކަށި ފިކުރާއި ދެކޮޅަށް ރ.މަޑުއްވަރީގައި ކުރިއަށްގެންދާ އޮޕަރޭޝަންގެ ބޮޑުބައި ނިމި، ހާސިލް ކުރަން ބޭނުންވި ހުރިހާކަމެއް ޙާސިލުވެފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި މިދިޔަ ބުދަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ވިދާޅުވީ އޮޕަރޭޝަން މިހާރު ނިމުމަކާއި ހަމަޔަށް ގޮސްފައިވާކަމަށެވެ.
އަދި ހަރުކަށި ފިކުރާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި މަޑުއްވަރީގައި ހިންގި އޮޕަރޭޝަންގައި އެރަށުގައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތް ކުރާފަރާތްތަކަކީ ކޮބައިކަން ދެނެގަނެވި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ ހަރުކަށި ފިކުރުގެ ސަބަބުން އަނިޔާ ލިބެމުންދިޔަ ކުޑަކުދިންނަށް ހައްގުތައް ހޯދައިދެވި، ބައެއް ކުދިން ޖެންޑާ މިނިސްޓްރީގެ ދަށަށް ގެންދެވިފައިވާކަމަށެވެ. އަދި ހަރުކަށި ވިސްނުން ފެތުރުމަކީ މުޅި މަޑުއްވަރީގައި އޮތްކަމެއް ނޫންކަމަށާއި މިއީ އެރަށުގެ ވަރަށް މަދު ބަޔަކު ހިންގާ ކަމެއްކަމަށްވެސް ނަޒީރު ވިދާޅުވިއެވެ.

މި އޮޕަރޭޝަންގެ ސަބަބުން މަޑުއްވަރީގެ ހަމަޖެހުން ގާއިމްކުރެވި، އިތުބާރު ހޯދިފައިވާކަމަށް ނަޒީރު ވިދާޅުވިއެވެ. ނަޒީރު ވިދާޅުވީ ހަރުކަށި ފިކުރަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި އޮތް ފިކުރެއްކަމަށްވުމުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން ރަށްތަކުގައިވެސް މިފަދަ އޮޕަރޭޝަންތައް ހިންގަން ޖެހިއްޖެނަމަ އެކަން ކުރާނެކަމަށެވެ.

މަޑުއްވަރީގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޮޕަރޭޝަންގައި މިހާރު ކުރަމުންދަނީ ވަކިވަކި މީހުންގެ ފަރާތުން ހޯދަންޖެހޭ މައުލޫމާތު ހޯދައި، އެކަންކަން ތަހުޤީޤްކުރުންކަމަށެވެ. މަޑުއްވަރީގައި ފުލުހުން ހިންގި އޮޕަރޭޝަންގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.