ޚަބަރު

ވަކިވަކިން 5 ވޯޓްކަރުދާސްކޮޅު ތައްޔަރުކުރާނަމަ 11 މިލިޔަން ރުފިޔާ ޚަރުދުވާނެ - އީސީ


ލޯކަލް ކައުންސިލް އިންތިޚާބްގައި ވޯޓްލުމަށް ވަކިވަކިން 5 ވޯޓްކަރުދާސްކޮޅު ތައްޔަރުކުރާނަމަ 11 މިލިޔަން ރުފިޔާ ޚަރުދުވާނެކަމުގައި އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރެއިން ވޯޓް ކަރުދާހާ ގުޅޭގޮތުންވަނީ މަޝްވަރާކޮށްފައެވެ. މިމަޝްވަރާގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ އިލެކްޝަނުން ބެއްލެވި ބެލެވުމުގައި އިންތިޚާބަށް ވަކިވަކިން 5 ކަރުދާސްކޮޅު ތައްޔާރުކުރުމުގެ ބަދަލުގައި އެއްކަރުދާސްކޮޅަކަށް ހަދައިފިނަމަ ހުރިހާ ގޮތަކުންވެސް ފަސޭހަ ވެގެންދާނެކަމަށެވެ.

ވަކިވަކިން 5 ކަރުދާސްކޮޅު ޕްރިންޓްކޮށްގެން ކުރިއަށް ގެންދާނަމަ އެކެއް ޕޮއިންޓު އެކެއް މިލިޔަން ކަރުދާސްކޮޅު ތައްޔާރުކުރަންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ. އެއީ އެގާރަ މިލިޔަނަށްވުރެ ގިނަ ރުފިޔާކަމަށެވެ. ފަސް ވޯޓުވެސް އެއްކަރުދާސްކޮޅަށް ޕްރިންޓް ކުރާ އުސޫލަކަށް ނިންމިއްޖެނަމަ އަށް ލައްކަ ކަރުދާސްކޮޅުން ނިމެނޭކަމަށެވެ. އެއީ އަށް މިލިޔަން ރުފިޔާކަމަށް ޝަރީފް ވިދާޅުވިއެވެ.

ވޯޓްކަރުދާސް މިގޮތަށް ތައްޔާރުކުރެވިއްޖެނަމަ ވޯޓް ކަރުދާސް ގުނުމުގައި ހޭދަވާ ވަގުތުވެސް ސަލާމަތް ކުރެވޭނެކަމަށެވެ. ވަކިވަކިން ފަސް ކަރުދާސްކޮޅުގައި ފާހަގަޖަހައިން ވޯޓްލާނަމަ އެ ވޯޓްތައް ގުނުމަށް ވިހި ގަޑިއިރު ހޭދަވާއިރު އެއްކަރުދާހެއްގައި ހުރިހާ ބައެއް ހިގައިގެން ވޯޓްލާނަމަ ގުނުމަށް ހޭދަވަނީ ދިހަ ގަޑިއިރުކަމަށް ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައިވަނީ މިކަމުގައި އިތުރަށް މަޝްވަރާ ކުރުމަށް ނިންމާފައެވެ. އަދި މިކަމުގައި ކަމާއިބެހޭ ފަރާތްތުގެ މަޝްވަރާއާއި ސިޔާސީ ޕާޓީތަކުންދޭ ލަފާގެ މައްޗަށް ރިޢާޔަތްކޮށް އިލެކްޝަނުން ވަކިގޮތެއް ނިންމާނެކަމަށް ޝަރީފް ވިދާޅުވިއެވެ. ލޯކަލް ކައުންސިލް އިންތިޚާބްގައި މިހާރު ކަނޑައަޅާފައިވާގޮތުން ސިޓީ ކައުންސިލް އިންތިޚާބްތައް ފިޔަވައި ރަށު ކައުންސިލް އިންތިޚާބާއި އަތޮޅު ކައުންސިލް އިންތިޚާބާއި، އަތޮޅު ކައުންސިލް ރައީސުންގެ އިންތިޚާބުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކާ ކޮމިޓީގެ އިންތިޙާބަށް ވަކިވަކިން 5 ކަރުދާސްކޮޅު ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ.