ޚަބަރު

އަމިއްލަ ކުންފުންޏެއްގެ އަތުން ގިނަ ޢަދަދެއްގެ ފައިސާ ހޯދަން އޭޖީ އޮފީހުން ދަޢުވާކޮށްފި


އެޓާނީޖެނަރަލްގެ އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމެއްގެ ސޮފްޓްވެއަރއެއް ތައްޔާރުކުރުމަށްޓަކާ "ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލު ކުރި މަސައްކަތް ނިންމަން ކަނޑައެޅި މުއްދަތުގައި ނިމިފައިނުވާތީއާއި ޕްރޮޕޯސަލްގެ ސްޕެސިފިކޭޝަނާ އެއްގޮތަށް އެ ކުންފުނިން ސޮފްޓްވެއަރ ތައްޔާރުކޮށްފައިނުވާތީ، އެމަސައްކަތަށް ޚަރަދުކުރި ފައިސާ ހޯދުމަށް ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އެއޮފީހުން ދަޢުވާކޮށްފިއެވެ.

އޭޖީ އޮފީހުން ސިވިލް ކޯޓުގައި މިދަޢުވާ އުފުލިކަން ހާމަކޮށް އެއޮފީހުން ނެރުނު ބަޔާނުގައިވަނީ ކޭސް މެނޭޖުމަންޓް ސިސްޓަމް ސޮފްޓްވެއަރއެއް ޑިވެލޮޕްކުރުމަށް އެއޮފީހުން ޕްރޮޕޯސަލެއް ތައްޔާރުކޮށް، ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑާއެކު 2017ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ބައްދަލުކޮށް، އެމަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރިކަމަށެވެ. އަދި އެއަށްފަހު އޭޖީ އޮފީހުން ހުށަހެޅި ޕްރޮޕޯސަލަށް ބިނާކޮށް، ކޭސް މެނޭޖްމަންޓް ސިސްޓަމެއް ތައްޔާރުކުރެވިދާނެ ކަމާއި އެސޮފްޓްވެއަރގައި ހުންނާނެ ސިފަތައް ބަޔާންކޮށް، ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުން 21 ޖޫން 2017ގައި އެ އޮފީހަށް ޕްރޮޕޯސަލެއް ހުށައެޅިކަމަށް ބުނެފައިވެއެވެ.

އަދި އެ ބަޔާނުގައިވާ ގޮތުން ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ޕްރޮޕޯސަލްގެ މަސައްކަތަށްވާ ފައިސާ ހަމަޖައްސައިދިނުމަށް އޭޖީ އޮފީހުން 29 އޮގަސްޓް 2017 ޓޫރިޒަމް މިނިސްޓްރީގައި އެދުމުން، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް)ގެ ޕްރޮޖެކްޓެއްގެ ގޮތުގައި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.އައި.ޓީ.ޑީ.ސީ) އިން ވަނީ މަސައްކަތުގެ އަގަށްވާ ފައިސާ އެކީ އެއްފަހަރާ ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑަށް ވަނީ ދައްކާފައެވެ. ވަކި މުއްދަތުތަކަށް ބަހާލައިގެން ފްރީ ނެޓް މޯލްޑިވްސްއަށް ފައިސާ ދެއްކުމަށް އެ ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްގައި އެއްބަސްވެފައި ވަނިކޮށް، އެމް.އައި.ޓީ.ޑީ.ސީ އިން އެ ކުންފުންޏަށް އެކީ އެއްފަހަރާ ފައިސާ ދެއްކާފައި ވަނީ 21 ޑިސެމްބަރ 2017ގައި ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުން އޭޖީ އޮފީހަށް ހުށަހެޅި ޕްރޮޕޯސަލްގައި 4 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާނެ ބުނެފައިވާ ކަމަށާއި ނަމަވެސް ކަނޑައެޅި މުއްދަތުގައި މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުން، މަސައްކަތް ނިންމުމަށް އިތުރު މުއްދަތު އެކި ފަހަރު މަތިން ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ މަސައްކަތް ނިންމައި، ހަވާލު ކުރަންޖެހޭ އެންމެ ފަހު ތާރީހު ކަމުގައިވާ 25 ޖުލައި 2019އަށްވެސް، ޕްރޮޕޯސަލްގެ ސްޕެސިފިކޭޝަނާ އެއްގޮތަށް އެ ކުންފުންޏަށް ސޮފްޓްވެއަރ ތައްޔާރު ކުރެވިފައެއް ނުވާކަމަށް ވަނީ ބުނެފައެވެ.

އެއްބަސްވެފައިވާގޮތަށް ކޭސް މެނޭޖުމަންޓް ސިސްޓަމް ސޮފްޓްވެއަރ ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑަށް ތައްޔާރުކުރެވިފައި ނުވާތީ، އެމަސައްކަތަށް ޚަރަދު ކުރަންޖެހުނު /-53,826.80 (ފަންސާސް ތިންހާސް އަށްސަތޭކަ ސައްބީސް ޑޮލަރާއި އަށްޑިހަ ސެންޓް) ދައުލަތަށް ދެއްކުމަށް ކޯޓަށް ހުށަހެޅި ދައުވާގައި އެދިފައިވާނެ ކަމަށް އެޓާރނީޖެނަރަލް އޮފީހުން ވަނީ ބުނެފައެވެ. އެއީ 830009.26 ރުފިޔާއެވެ.

މީގެއިތުރުން، އެ މުޢާމަލާތާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަމެއް އޮތްނަމަ އެކަން ތަޙުޤީޤުކޮށްދެއްވައި، ފިޔަވަޅު އަޅުއްވައި ދެއްވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި މި އޮފީހުން ވާނީ އެދިފައެވެ.