ޚަބަރު

ޢުމުރުން 13 އަހަރުގެ ކުއްޖަކާ ކައިވެނިކުރިކަމަށް ބުނާ ޙައްމާދުގެމައްޗަށް ދަޢުވާކުރަން ފޮނުވައިފި


ކޯޓުން ބޭރުގައި ޢުމުރުން 13 އަހަރުގެ ކުޑަކުއްޖަކާ ކައިވެނިކޮށްގެން އުޅުނު ކަމަށްބުނާ ރ.މަޑުއްވަރީ، ފެހިއަލި އިސްމާއިލް ހައްމާދުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުއްވައިފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވި ގޮތުގައި ހައްމާދުގެ މައްޗަށް ކުރަނީ ޖިންސީ ނިޔަތެއް އޮވެގެން ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާއެވެ. މި ދަޢުވާކޮށްފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން ޢަމަލު ކުރުމުގެ ޤާނޫނުގެ ދަށުންނެވެ.

ކޯޓުން ބޭރުން ތޭރަ އަހަރުގެ ކުއްޖަކާ ކައިވެނިކޮށްގެންކަމަށްބުނެ އެކުއްޖާއާއެކު ހައްމާދު އުޅުނުކަމާއި، އެ ކުއްޖާ މާބަނޑުވި ވާހަކަ ފެންމަތިވީ ދޯންޏެއްގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހައްމާދަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލަ ކުރިމަތިވި ހިސާބުންނެވެ.

ލަނޑާ ނަގާ ދޯންޏެއްގައި ހިނގި މާރާމާރީގައި ޢުމުރުން 26 އަހަރުގެ އިސްމާޢީލް ޙައްމާދަށް ވަޅިން ހަމަލާދީފައިވަނީ ހަރުކަށި ފިކުރުގެ ބައެއްގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުމެއްގެތެރެއިންނެވެ.
ހައްމާދަށް ހަމަލާދިން ދޯނީގައި އޭނާއާއެކު މަސައްކަތްކުރާ އަނެއް ދެމީހުންނަކީވެސް ހަރުކަށި ފިކުރުގެ ބައެއްކަމަށްވެއެވެ. މި ދޯނީގައި ތިބި މީހުން ހައްޔަރުކޮށްފައިވާއިރު ޒަޚަމްވި ޙައްމާދާއި ދެން ތިބި މީހުންނަކީވެސް ކުށުގެ ރެކޯޑް އޮތް މީހުންނެވެ. އޭގެތެރޭގައި ސޫރިޔާއަށް ޖިހާދުކުރުމަށް ދަނިކޮށް ސްރީ ލަންކާ މަގުން ހިފެހެއްޓި މީހަކުވެސް ހިމެނެއެވެ.