ޚަބަރު

ރައީސް ޔާމީންގެ އެކައުންޓްގައި ހުރި ފައިސާ ނަގައިދޭން ހުށައެޅި މައްސަލަ ބަލައިގެންފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމް މަނީލޯންޑަރކުރި ފައިސާއާއި އެއިން ލިބުނު ފައިދާ ދައުލަތަށް ނެގުމުގެ އަމުރަކަށް ޕްރޮސެކިއުޓަރ ޖެނަރަލް ކްރިމިނަލް ކޯޓުގައި އެދިވަޑައިގެން ހުށައެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހުށައެޅި އެ މައްސަލަ ބަލައިގެންފައިވާކަން ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުންވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މަނީލޯންޑަރކުރުމުގެ ކުށުގައި ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ ތެރޭގައެވެ. އެހުކުމާ ގުޅިގެން ޕީޖީ ކޯޓަށް ހުށައަޅުއްވާފައިވަނީ ރައީސް ޔާމީންގެ އެކައުންޓްގައި ހުރި 3.4 މިލިއަނަށްވުރެ ގިނަ ޑޮލަރު ދައުލަތައް ނެގުމުގެ އަމުރެއް ނެރެދެއްވުމަށެވެ.

އެ ޢަދަދަކީ ރައީސް ޔާމީން މަނީލޯންޑަރކުރި ފައިސާއާއި އެފައިސާ އިންވެސްޓްމަންޓް އެކައުންޓަށް ޖަމާކޮށް އިންވެސްޓްކުރުމުން ފައިދާގެ ގޮތުގައި ލިބުނު ފައިސާ ކަމަށް ބަލާ ނަގާދޭން އެދިފައިވާ އަދެދެވެ.

ޕީޖީ އޮފީހުން ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ އެކައުންޓްގައިހުރި ފައިސާ ނަގައިދޭން ކޯޓަށް ހުށަހެޅީ އެމަނިކުފާނުގެ މައްޗަށް މަނީލޯންޑަރކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާތީ ޖިނާއީ އިޖްރާއަތުގެ ޤާނޫނުގެ ސަތޭކަ ނުވަދިހަ ދެވަނަ މާއްދާ އާއި މަނީލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ފަސްދޮޅަސް ދެވަނަ މާއްދާގެ ދަށުންނެވެ.

ޖިނާއީ އިޖްރާއަތުގެ ޤާނޫނުގައިވާ ގޮތުން ދައުލަތުގެ ފައިސާއިން މަނީލޯންޑަރކުރުމުގެ ކުށް ސާބިތުވެއްޖެ ނަމަ އެ ފައިސާ ދައުލަތައް ނަގަންޖެހެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކޮށްފައިވާ ހުކުމް އެމަނިކުފާނު ވަނީ ހައިކޯޓުގައި އިސްތިއުނާފުކުރައްވާފައެވެ. އެ މައްސަލަ ހައިކޯޓުން ބަލައިގެންފައިވީ ނަމަވެސް އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް އަދި ނުފަށައެވެ.

ރައީސް ޔާމީން މަނީލޯންޑަރކޮށްގެން ހޯދާފައިވާ ފައިސާ ދައުލަތައް ނެގުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި ޕީޖީ އެދިވަޑައިގަތުމުން ރައީސް ޔާމީންގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ރައީސް ޔާމީންގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނީ އެމަނިކުފާނަށް ދަށު ކޯޓުން އިއްވި ހުކުމާ ގުޅިގެން ދައުލަތުން މިހާރު ނެރުމަށް އެދިފައިވާ އަމުރު ނެރުމަށް މަސައްކަތް ކުރުމަކީ އިސްތިއުނާފީ ހައްގަށް ހުރަސް އެޅުން ކަމަށެވެ.