ވިޔަފާރި

ޖަރުމަނުވިލާތުގެ އިޤްތިސާދަށްވުރެ އިންޑިއާގެ އިޤްތިޞާދު ކުރިއަރަނީ


ކުރިއަށްއޮތް އަހަރުތަކުގައި ޖަރުމަންވިލާތުގެ އިޤްތިޞާދަށްވުރެ އިންޑިއާގެ އިޤްތިޞާދު ކުރިއަރާނެކަމަށް ރިޕޯޓަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ އިކޮނޮމިކް އެންޑް ބިސްނަސް ރިސާރޗް ސެންޓަރުން ނެރޭ އިޤްތިސާދީ ރިވިއުއިން ދެއްކި ގޮތުގައި 2026 ވަނަ އަހަރާއި ހަމައަށް އަންނަ އިރު ޖަރުމަންވިލާތް ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ 4 ވަނައަށް އެންމެ ބޮޑު އިޤްތިޞާދަށް އިންޑިއާ ވެގެންދާނެއެވެ.

އިނގިރޭސިވިލާތުގެ ސެންޓަރ ފޮރ އިކޮނޮމިކްސް އެންޑް ރިސާޗް ސެންޓަރ، ސީއީބީއާރުން އެންމެފަހުން ނެރުނު ރިޕޯޓުގައި ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ދުނިޔޭގެ އިޤްތިސާދަށް އަންނާނެކަމަށް ލަފާކުރާ ބަދަލުތައް ވަނީ ހިމަނާފައެވެ. މިރިޕޯޓަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފް ވޯލްޑް އިކޮނޮމިކް ރިވިއުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ރިޕޯޓެކެވެ. މިގޮތުން ވޯލްޑް އިކޮނޮމިކް ރޭންކިންގެ ހަތަރު ވަނައިގައި އޮތް ޖަރުމަނުވިލާތް ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ 4 ވަނައަށް އެންމެ ބޮޑު އިޤްތިޞާދަށް އިންޑިއާ ވެގެންދާނެއެވެ. އަދި 2034 ވަނަ އަހަރު އަންނަންވާއިރަށް މިލިސްޓުގެ 3 ވަނައަށް ޖަޕާން އަރާނެކަމަށްވެސް ސީބީއާރުއިން ބުނެއެވެ. އަދި ކުރިޔަށް އޮތް 15 އަހަރުގެ ތެރޭގައި ޖަޕާން، ޖަރުމަނުވިލާތް އަދި އިންޑިއާއިން މިލިސްޓުގެ 3 ވަނައަށް ވާދަކުރާނެކަމަށްވެސް މިރިޕޯޓުގައި ބުނެފައިވެއެވެ. މީގެއިތުރުން 2026 ވަނަ އަހަރާއި ހަމަޔަށް އަންނައިރު އިންޑިއާގެ ޖީޑީޕީ 5 ޓްރިލިއަން ޑޮލަރަށް އަރާނެކަމަށްވެސް މިރިޕޯޓުން ދައްކައެވެ. ނަމަވެސް މިއީ އިންޑިއާގެ ސަރުކާރުން ލަފާކޮށްފައިވާ ގޮތާ ހިލާފެވެ. އިންޑިއާއިން ލަފާކޮށްފައިވަނީ އެޤައުމުގެ ޖީޑީޕީ 2024 ވަނަ އަހަރު 5 ޓްރިލިއަން ޑޮލަރަށް އަރާނެކަމަށެވެ.

މިރިޕޯޓުގައިވާ ގޮތުން 2027 ވަނަ އަހަރާއި ހަމަޔަށް އަންނައިރު ދެކުނު ކޮރެއާއިން ދުނިޔޭގެ އެންމެ ބޮޑު 10 އިޤްތިސާދުގެ ލިސްޓަށް އަރާނެކަމަށްވެސް މިރިޕޯޓުން ދައްކައެވެ. އޭޝިއާގެ އެންމެ ބާރަށް ކުރިއަރާ އިޤްތިސާދުތަކުގެ ތެރޭގައި ހިމެނޭ އިންޑޮނޭޝިޔާ، ފިލިޕީންސް، ބަންގްލަދޭޝް އަދި މެލޭޝިއާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދަނެކަމަށްވެސް މިރިޕޯޓުގައި ބުނެފައިވެއެވެ.

މިރިވިއުގައި ވާގޮތުން ދުނިޔޭގެ އެންމެ ބޮޑު އިޤްތިސާދުގެ ގޮތުގައި އޮންނަ އެމެރިކާ އަދި ދެވަނަ އަށް އޮންނަ ޗައިނާގެ އިޤްތިސާދަށްވެސް ކުރިއަށްއޮތް 15 އަހަރުތެރޭގައި ބަދަލުތަކެއް އަންނާނެއެވެ. މިގޮތުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިޤްތިސާދުގެ ލިސްޓުގެ 1 ވަނައިގައި އޮތް އެމެރިކާ ފަހަތަށް ޖައްސާލުމަށްފަހު 2033 ވަނަ އަހަރު ޗައިނާ އެމަޤާމަށް އަންނާނެކަމަށް މިރިޕޯޓުގައި ބުނެއެވެ.