ކުޅިވަރު

މާޒިޔާ ވެޓަރެންސްކަޕުން ވަކިވެއްޖެ


ސާފްނުވާ ކަންތައްތަކެއް ހުރުމުން އެކަންކަން
ސާފްވުމުގެ ކުރިން މައިލޯ ރަމަޟާން ވެޓަރެންސް ކަޕްގައި ކުޅެވެން ނެތްކަމަށް
މާޒިޔާއިން ބުނެފިއެވެ. މާލޭ ވެޓަރެންސް ކްލަބާއި މާޒިޔާ ވާދަކުރި މެޗުގައި
ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން މާޒިޔާއަށާއި އެޓީމްގެ ބައެއް
ކުޅުންތެރިންނަށް ދިން ޖޫރިމަނާއާއި ސަސްޕެންޝަންތަކާއި ގުޅިގެން މިއަދު ވެލެންސިޔާއާއި ދެކޮޅަށް ކުޅެން އޮތް މެޗަށްވެސް މާޒިޔާއިން ހާޟިރުވެފައެއް ނުވެއެވެ. މައްސަލަ ޖެހުނު މެޗު އަލުން މާދަމާ ކުޅެން ނިންމާފައިވާއިރު އެމެޗަށްވެސް
އޮޅުންތަކުގެ ތެރޭގައި ހާޟިރުނުވާނެކަމަށް މާޒިޔާއިން މައުލޫމާތުދެއެވެ. 

މާޒިޔާއިން
ބުނީ ވެޓަރެންސް ކަޕަކީ އެފްއޭއެމްގެ ރަސްމީ މުބާރާތެއް ނޫންކަމަށާއި އެފަދަ
މުބާރާތެއްގެ މައްސަލަތައް އެފްއޭއެމްއިން ބެލުމަކީވެސް ސުވާލުއުފެދޭކަމެއްކަމަށެވެ. އަދި އެކަން ބެލުމަށްފަހު ނިންމުންތައް މާޒިޔާއަށް އަންގާފައިވަނީވެސް
އެފްއޭއެމްއިން ނޫންކަމަށް މާޒިޔާއިން ބުންޏެވެ. އެކަން އެންގީ މުބާރާތް ބާއްވާ ސޮކަރ ވެޓަރެންސް
އެސޯސިއޭޝަނުންކަމަށާއި، އެފްއޭއެމްއިން މާޒިޔާއަށް މިކަމާއި ގުޅިގެން އެއްވެސް
ސިޓީއެއްވެސް ލިބިފައިނުވާކަމަށްވެސް އެކުލަބުން ބުންޏެވެ. ލިބިފައިވާ ލިޔުމުގައިވެސް ވަނީ މާޒިޔާ
ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް އެޑްރެސްކޮށްފައިނޫކަމަށް އެކުލްބުގެ އޮފިޝަލަކު ވަނީ މައުލޫމާތުދީފައެވެ. 

މާޒިޔާއިން ކަންބޮޑުވާ އަނެއްކަމަކީ މުބާރާތުގައި މާޒިޔާ މެޗުހެ ކުރިން
އެހެން މެޗެއްގައި ފާޅުކަން ބޮޑުގޮތެއްގައި ހިނގައިދިޔަ ކަންތައްތަކެއް ނުބަލާ
މާޒިޔާ މެޗުގެ މައްސަލަ ބެލުމެވެ. އަދި އެކަން ކުރި ބަޔަކާއި މެދު ފިޔަވަޅު އެޅުމުގެ
އިތުރަށް މުޅި ކްލަބަށް ފިޔަވަޅު އެޅުމެވެ. މީގެއިތުރުން އެފްއޭއެމްއިން
ސަސްޕެންޑްކޮށްފައިވާ ފަރާތްތަކެއްވެސް މުބާރާތުގައި ކުޅެމުން ދިއުމަކީވެސް ކަންބޮޑުވުމެއްކަމަށް މާޒިޔާއިން މައުލޫމާތުދިން އޮފިޝަލު ބުންޏެވެ. އަދި މާޒިޔާ
މޮޅުވެފައި ވަނިކޮށް މެޗު ނިމެން ދެމިނިޓަށްވެފައި އޮއްވާ މެދުކަނޑާލި މެޗެއް
މާޒިޔާގެ ކުޅުންތެރިންތަކެއް ސަސްޕެންޑްކޮށްފައި އަލުން ކުޅެން ނިންމުމުންވެސް
މާޒިޔާއިން ވަނީ ސުވާލު އުފައްދާފައެވެ.