ޚަބަރު

ރީޔާސީ ބަޔާން އިއްވާ ޖަލްސާ ފެބްރުއަރީ 3 ވަނަ ދުވަހު


ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބާއްވާ ޖަލްސާ އަންނަ މަހުގެ 3ވަނަ ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިންމަވައިފިއެވެ.

މިޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ރިޔާސީ ބަޔާން އިއްވަވާނެއެވެ. ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި އޮންނަނީ ކަނޑައަޅާފައެވެ. މިއަހަރަށް މަޖިލިސް ހުޅުވާ ދުވަހަކީވެސް ރަސްމީ ބަންދުވުހެއްގެ ގޮތުގައިވަނީ ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.

ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84ވަނަ މާއްދާފައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެމައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.

މިހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާއަކީ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ 3 ދައުރުގެ ފުރަތަމަ ޖަލްސާއެވެ. ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވާފައިވަނީ 2019ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7ވަނަ ދުވަހުއެވެ.