ޚަބަރު

ކައުންސިލް އިންތިޚާބުގެ ހުރިހާ މަޤާމަކަށް ވޯޓުލާންވެސް އޮންނާނީ އެއް ކަރުދާސްކޮޅު - އަކްރަމް


ލޯކަލް ކައުންސިލް އިންތިޚާބުގައި ހުރިހާ މަގާމަކަށް ވޯޓުލާނީވެސް އެއް ވޯޓު ކަރުދާސްކޮޅެއްގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަޙްމަދު އަކްރަމް ވިދާޅުވީ ރަށު ކައުންސިލްތަކުގައި ރަށު ކައުންސިލްގެ ރައީސާއި ކައުންސިލް އާއްމު މެމްބަރުންނާއި އަތޮޅު ކައުންސިލަރަކަށް ވޯޓުލާނީ އެއް ވޯޓު ކަރުދާސްކޮޅެއްގައި ކަމަށެވެ. އަދި ސިޓީ ކައުންސިލްތަކުގައި މޭޔަރާއި ސިޓީ ކައުންސިލްގެ މެމްބަރުންނަށް އޮންނާނީ އެއް ވޯޓު ކަރުދާސްކޮޅެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އަންހެނުން ކުރިއަރުވާ ކޮމެޓީގެ މެމްބަރުން އިންތިޚާބުކުރާނީ ވަކި ވޯޓު ކަރުދާސްކޮޅެއްގައި ފާހަގަ ލައިގެންކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މީގެކުރިން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ކައުންސިލަށް އިންތިޚާބުކުރާ އެކި މަޤާމުތަކަށް ވަކި ވޯޓު ކަރުދާސްކޮޅުތަކެއް ޕްރިންޓްކުރާ ގޮތަށެވެ. އަކްރަމް ވިދާޅުވިގޮތުގައި އެގޮތަށް އެކަން ކޮށްފިނަމަ އިންތިޚާބަށް ކުރަންޖެހޭ ޚަރަދުވެސް ވަރަށްބޮޑުވެއެވެ. އަދި މިހާރު ހަމަ ޖައްސާފައިވާ ގޮތައް ދެވޯޓު ކަރުދާސް ކޮންމެ މީހަކަށް ދިނުމުން ޚަރަދު ކުރަވެގެން ގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ވަކި ވޯޓު ކަރުދާސްކޮޅުތަކުގައި ވޯޓުލައިފި ނަމަ ވޯޓު ގުނުމަށް ގިނަ ވަގުތުތަކެއްވެސް ހޭދަކުރަން ޖެހޭކަން އަކުރަމް ފާހަގަކުރެއްވިއެވެ.

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ނުވަ ސަތޭކަ އަށްޑިހަ ކައުންސިލަރުން އިންތިޚާބު ކުރަންޖެހެއެވެ. ރަށު ކައުންސިލްތަކުން ރައީސުންގެ ގޮތުގައި ސަތޭކަ ހަތްދިހަ ނުވަ މީހަކު އިންތިޚާބުކުރާއިރު އަތޮޅު ކައުންސިލަރުންގެ ގޮތުގައި އަށާރަ މީހަކު އިންތިހާބު ކުރަންޖެހެއެވެ. އަދި ހަތަރު ސިޓީއަކަށް މޭޔަރުންނާއި ކައުންސިލަރުން އިންތިޚާބުކުރަންޖެހެއެވެ.