ޚަބަރު

މެދުފަންތީގެ 1،300 ފްލެޓް ވިއްކަން ހުޅުވާލަނީ


ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ މެދު ފަންތީގެ ފްލެޓްތައް އަންނަ މަހު ވިއްކަން ހުޅުވާލާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން، ސީމެކުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މެދުފަންތީގެ 1،344 ފްލެޓް ދަނީ އަޅަމުންނެވެ. މިކުންފުންޏަކީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި 1،000 ފްލެޓް އަދި އޭގެ ފަހުން ވެސް ހުޅުމާލޭގައި 700 ފްލެޓްގެ މަޝްރޫއަކާއި އަތޮޅުތަކުގައި ވެސް ބޯހިޔާވަހިކަމުގެ ބައެއް މަޝްރޫއުތައް ހިންގި ކުންފުންޏެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ ދެވަނަ ފިޔަވަހީގައި އަޅަމުންދާ ފްލެޓްތައް އަންނަ މަހު ވިއްކަން ހުޅުވާލާނެކަމަށެވެ. އެހެންނަމަވެސް ވިއްކާނެ އަގެއް އަދި ކަނޑައަޅާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 12 ފަންގިފިލައާއި 14 ފަންގިފިލާގެ މި ފްލެޓްތަކުގައި މުޅިންވެސް ހުންނާނީ 3 ކޮޓަރީގެ އެޕާޓްމަންޓްތައްކަމަށެވެ. އަދި ޕާރކްކުރާނެ ތަންތަނާއި ކޮމަރޝަލް ވިޔަފާރިތައް ކުރެވޭނެ އިންތިޒާމްވެސް ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

2018 ވަނަ އަހަރު މި ފްލެޓްތައް އެޅުމަށް ހަވާލުކުރިނަމަވެސް އެމަސައްކަތް މަޑު ޖެހިފައި އޮތުމަށްފަހު ބަދަލުތަކާއެކު މަސައްކަތް އަލުން ފަށާފައިވަނީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ.
މި ފްލެޓްތައް ނިންމޭނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ޖުލައި މަހަށެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި 7000 ސޯޝަލް ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.