ވިޔަފާރި

ފިންލެންޑުގައި ކުރިއަށްދާ މަޓްކާ ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ


ފިންލެންޑުގައި މިއަހަރު ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމާބެހޭ ފެއަރ، މަޓްކާގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ފިންލެންޑުގެ ވެރިރަށް ހެލްސިންކީގައި މިފެއަރ ކުރިޔަށްދަނީ މި މަހުގެ 16 އިން 19 އަށެވެ. މި ފެއަރގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 7 ކުންފުންޏަކުން ބައިވެރިވަމުން ދެއެވެ.

މިފެއަރގެ ޒަރިއްޔާއިން ރާއްޖޭގެ ބައިވެރިންނަށް އުތުރު ޔޫރަޕުގެ ގައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކޮށް، ނެޓްވޯކްކުރުމުގެ ފުރުސަތު ލިބިގެން ދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މީގެއިތުރުން އުތުރު ޔޫރަޕްގެ 902 މީޑިއާއަކަށް ރާއްޖެ އިޝްތިހާރުކުރުމުގެ ފުރުސަތުވެސް ލިބިގެން ދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ..

މަޓްކާ ފެއަރގައި މި އަހަރުގެ 90 ޤައުމެއްގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވާއިރު، މިއީ ޔޫރަޕްގައި އިޝްތިހާރުކުރަން ރަގަނޅު ފުރުސަތަކަށްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. ހަތަރު ދުވަހުގެ މިފެއަރއަށް 64 ހާހަށްވުރެ ގިނަ މީހުން ޒިޔާރަތްކުރާނެކަމަށް އިންތިޒާމްކުރާ ފަރާތުން ލަފާކުރެއެވެ.

ފެއަރގައި ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ 60 އަކަފޫޓުގެ ސްޓެންޑެއް ބަހައްޓާފައިވާއިރު، ސްޓޭންޑަށް ޒިޔާރަތް ކުރާ މީހުންނަށް ހާއްސަ ސޯޝަލް މީޑިއާ ހަރަކާތެއްވެސް ދަނީ ކުރިޔަށް ގެންދަމުންނެވެ. އެ ހަރަކާތުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު އުތުރު ޔޫރަޕުގެ ގައުމުތަކުން 57 ހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މިއަހަރު ރާއްޖެއަށް ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ގެނައުމަށް ޓުއަރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އެމްއެމްޕީއާރުސީ އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެހެން ފާރާތްތަކުން ދަނީ މަސައްކަތް ފަށާފައެވެ.