ވިޔަފާރި

މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށް ދަސްކޮށްދޭ ތަމްރީނެއް ކުރިޔަށް ގެންދަނީ


މަސްވެރިކަމުގެ އުފެއްދުންތައް ތައްޔާރުކުރާނޭ ގޮތް ދަސްކޮށްދިނުމަށް ޚާއްސަ ތަމްރީން ޕްރޮގްރާމްތަކެއް ފެށުމަށް ފިޝަރީޒް މިނިސްޓްރީއިން ނިންމައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ވިޔަފާރި އުސޫލުން މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމާއިބެހޭ ތަމްރީނު ޕްރޮގްރާމަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާނޭ ޕްރޮގްރާމެއްކަމަށެވެ.

ފިޝަރީީޒް މިނިސްޓްރީން ބުނީ މަސްވެރިކަމުގެ އުފެއްދުންތައް ތައްޔާރުކުރުމަށް ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމްގެ ބޭނުމަކީ ދިވެހި މަސްވެރިކަމުގެ ސިނާއަތުގައި މަހާއި މަހުން ތައްޔާރުކުރާ ބާވަތްތައް އިތުރުކޮށް، ރަނގަޅު އާމްދަނީއެއް ހޯދުންކަމަށެވެ.
މިނިސްޓްރީއިން ބުނީ މި ޕްރޮގްރާމްގެ މަޤްސަދަކީ އަމިއްލަ ފަރުދުންނާއި އަމިއްލަ ޖަމާއަތްތަކާއި ޖަމިއްޔާތައް މެދުވެރިކޮށް ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި މަސްވެރިކަމުގެ އުފެއްދުންތައް އުފައްދަން ދަސްކޮދިނުން ކަމަށެވެ. އަދި މިފަދަ އުފެއްދުންތައް ގަންނަ ފަރާތްތަކާ ހަމައަށް ފޯރުކޮށްދިނުމަށް އެ ފަރާތްތައް އަހުލުވެރިކުރުވުމަކީވެސް ޕްރޮގްރާމްގެ މަގްސަދެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފެބްރުއަރީ 27 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އަށް އެންގުމަށާއި، ކައުންސިލްތަކުން ވެސް މިކަމަށް ޝައުގުވެރިކަން ފާޅުކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީއިން މައުލޫމާތު ދެއެވެ.

މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ތިއަރީ އަދި ޕްރެކްޓިކަލް ބައިތައް ހިމެނޭ ގޮތަށެވެ. މިގޮތުން، މަހުގެ ބާވަތްތައް ފެންވަރު ރަނގަޅުކޮށް، ރައްކާތެރިކަމާ އެކު ބެލެހެއްޓުމާއި، އެފަދަ ވިޔަފާރިއެއް ހިންގާ ބަލަހައްޓާނެ ގޮތާއި ފައިސާ ބަލަހައްޓާނެ ގޮތާ އަދި މާކެޓް ކުރާނެ ގޮތް މި ތަމްރީން ޕްރޮގްރާމްގެ ޒަރިއްޔާއިން ދަސްކޮށްދޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.
.
މިނިސްޓްރީން ބުނީ މި ތަމްރީންނަށް ކުރިމަތިލާ ފަރާތްތަކަށް ބެލުމަށްފަހު، މިތަމްރީން ކުރިޔަށް ގެންދާނެ ރަށްތައް ކަނޑައަޅާނެކަމަށެވެ. މިދިޔަ އަހަރު ވެސް ފިޝަރީޒް މިނިސްޓްރީން އަތޮޅުތަކުގައި މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވެއެވެ.