ޚަބަރު

ކައުންސިލް އިންތިޚާބް އަމާންކަމާއިއެކު ބޭއްވޭނެ މަގުފަހިކޮށްދޭނަން - ކަމިޝަނަރ


ލޯކަލް ކައުންސިލް އިންތިޚާބަކީ ހުރިހާ ފަރާތްތަކަށްވެސް އަމާންކަމާއި ރައްކާތެރި ކަމާއިއެކު ކުރިއަށް ގެންދެވޭނެ އިންތިޚާބަކަށް ހެދުމަށް ފުލުހުން ކުރަންޖެހޭ ކުރިހާކަމެއް ކުރާނެކަމުގައި ކަމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބްގެ ސަލާމަތީކަންކަން ބެލެހެއްޓުމަށާއި، ލޮޖިސްޓިކް މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް އިލެކްޝަން ކޮމިޝަނާއި ފުލުހުންނާއި ދެމެދު ވެވުނު އެއްބަސްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ކަމިޝަނާ ހަމީދު ވިދާޅުވީ ފާއިތުވެދިޔަ އިންތިޚާބްތަކެކޭވެސް އެއްގޮތަށް މިއިންތިޚާބަކީވެސް އަމާން ރައްކާތެރި އިންތިޚާބަކަށް ހެދުމަށް އިލެކްޝަނާއި ގުޅިގެން ފުލުހުން މަސައްކަތް ކުރާނެކަމަށެވެ.

އިންތިޚާބުގައި ފުލުހުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމަށް ދުރާލައި ކަންކަން ރާވައި ކަނޑައަޅަމުންދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. އެގޮތުން އިންތިޚާބަށް ޚާއްސަ އޮޕަރޭޝަނެއް ހިންގަން ކަނޑައަޅައި އޮޕަރޭޝަންގައި އިސްކޮށް ހަކަތާތްތެރިވާނެ ފަރާތްތަކަށް މިދިޔަ ހަފްތާގައި ކަނޑައަޅާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

"ފާއިތުވެދިޔަ އިންތިޚާބްތަކެކޭ އެއްގޮތަށް މިއިންތިޚާބުގައިވެސް ފުލުހުން އަދާކުރަންޖެހޭ ކަންކަން ދުވަހުން ދުވަހަށް ކުރަމުންދާނެ. މި އިންތިޚާބުގެ އޮޕަރޭޝަނަށް ޚާއްސަކޮށްގެން އައްޔަންކުރަންޖެހޭ ކޮމާންޑަރުންނާއި ޑެޕިއުޓީ ކޮމާންޑަރުން މިދިޔަ ހަފްތާގައި އަޅުގަނޑުމެންވާނީ ކަނޑައަޅާފަ. އިންތިޚާބުގައި އިލެކްޝަނާއި ގުޅިގެން ކުރަންޖެހޭ ކަންކަން ދުވަހުން ދުވަހަށް ކުރަމުންދާނެ." ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ މިފަހަރުގެ އިންތިޚާބަކީ އެހެން އިންތިޚާބްތަކާ އަޅާބަލާއިރު އިންތިޚާބީ އުސޫލުތަކަށް ވަރަށްބޮޑެތި ބަދަލުތަކެއް ގެނެސްގެން ބާއްވާ އިންތިޚާބެއްކަމަށެވެ.
އިންތިޚާބީ އުސޫލުތަކަށް ގެނައި ބަދަލުތަކެއް ތެރެއިން ފުލުހުންނާ ގުޅުންހުރި ކަންތައްތަކުގެ ތެރެއިން އެންމެބޮޑު ބަދަލެއް އައިސްފައިވަނީ ވޯޓް ފޮށީގެ ޢަދަދު އިތުރުވުމާއި، ފޮށި ބަހައްޓަންޖެހޭ މަރުކަޒުތައް އިތުރުވުންކަމަށް ޝަރީފް ވިދާޅުވި. އެގޮގޮތުން ރާއްޖޭގެ އެކި ސަރަހައްދުގައާއި މާލޭގައިވެސް ވޯޓްފޮށި ބަހައްޓާ ސަރަހައްދުތަކަށް ބަދަލުތަކެއް އައިސްފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

"މިފަހަރުގެ ކައުންސިލް އިންތިޚާބާއި އަންހެހުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަކަކީ އުސޫލުތަކަށް ވަރަށްގިނަ ބަދަލުތަކެއް ގެނެވިގެން ބޭއްވޭ އިންތިޚާބެއް. މިއަދު ފުލުހުންނާއި އެކު މިވެވުނު އެއްބަސްވުމަކީ މިކަންކަން އިންތިޒާމުކުރުމުގައި އެހީތެރިވުމަށް ވެވޭ އެއްބަސްވުމެއް. މިއިންތިޚާބް ބޭއްވިގެންދާނީ ދައުލަތުގެ ހުރިހާ މުވައްސަސާތަކެއްގެވެސް ވަރަށްބޮޑު އެހީތެރިކަމަކާއިއެކު." ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަނުން ފުލުހުންނާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބްގެ ސަލާމަތީކަންކަން ބެލެހެއްޓުމަށާއި، ލޮޖިސްޓިކް މަސައްކަތްތަކުގައި ފުލުހުންގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.