ރ. ފައިނުގެ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިގޮތުން އެ ރަށުގެ ގިރާ ސަރަޙައްދުގައި ހުރި ގަސްތައް ހިމާޔަތްކުރުމަށްޓަކައި މިހާރު އެ ސަރަޙައްދަށް ދަނީ ވެލި އަޅަމުންނެވެ.
ފައިނުގެ ގިރާފައިވާ ސަރަޙަދުގައި ހުރި ގަސްތައް ހިމެނޭ ސަރަހައްދު ވަށައިގެން 15 އާއި 20 ފޫޓަށް ވެލި އަޅައި ބީޗު ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފައިނު ކައުންސިލުން ވިދާޅުވެއެވެ.
ފައިނު އާދަޔާ ޚިލާފަށް ގިރަންފެށީ އެރަށުގައި ކުރިން ބަނދަރު ހަދަން ހެދި ޕްލޭނާ ޚިލާފަށް ބަނދަރު ހެދުމުން ކަމަށް އެރަށުގެ މީހުން ދަނީ ބުނަމުންނެވެ.
ޕްލޭނިން މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ އަދި އެ ރަށު ކައުންސިލު ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ 75 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި މިހާރު ގިރާ ސަރަހައްދުގައި ވެއްޓިފައި ހުރި ގަސްތައް ނެގުމުގެ މަސައްކަތާއި ފަޅު ތެރެއަށް އެޅިފައި ހުރި ވެލިތައް ނަގާ ފަޅުފުން ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ.
ފައިނުގެ އުތުރު ގޮނޑުދޮށުން ބޮޑު ސަރަޙައްދެއް ގިރައިގެން ގޮސް އެތައް އަހަރެއްވެފައިވާ ބޮޑެތި އެތައް ގަހެއް ވަނީ ވެއްޓިފައެވެ.
ފައިނުގެ ގިރަމުންދާ މިސަރަޙައްދަކީ 200 އަށްވުރެ ގިނަ އަހަރުވެފައިވާ އެތައް ގަހެއް ހުރި ސަރަޙައްދެކެވެ. އެސަރަޙައްދަށް މިހާރު ބިންދާ ރާޅުތަކާއެކު މިގަސްތައް ގަހަކަށްފަހު ގަހެއް މުލުން ލުހެމުން ދިޔުމަކީ އިޔާދަނުކުރެވޭނެ ބޮޑު ގެއްލުމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ. އަދި ޤައުމީ ފެންވަރުގައި ހިމާޔަތްކުރަންޖެހޭ އެތައް ގަހެއް އެ ސަރަޙައްދުގައި ހުރިއިރު އެކަމަށް އަވަސް ފިޔަވަޅު އެޅުމަށް ރައްޔިތުން ދަނީ އެދެމުންނެވެ.
ރާއްޖޭގެ މީހުން އުޅޭ ރަށްތަކުގެ އިތުރުން ފަޅުރަށްތައްވެސް އާދަޔާ ޚިލާފަށް ގިރަމުން ދަނީ ރަށުގެ ވަށައިގެން ގުދުރަތީ ގޮތުން ވެލި ދައުރުވާ ގޮތް ރަނގަޅަށް ދިރާސާނުކޮށް ބަނދަރާއި ޖެޓީ ހަދަމުން އަންނާތީކަމަށް ދިމާވެށި ދިރަސާ ކުރާ ފަރާތްތައް ބުނެއެވެ.
އަދި ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރަށުގެ ވަށައިގެން ދައުރުވާ ވެލި މަދުވެ ތޮބީއަތް ބަދަލުވުމަކީ ވެސް އޭގެ ސަބަބެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މީގެ އިތުރުން ގޮނޑުދޮށުން ވެލިނެގުމާއި މޫސުމީ އެހެނިހެން ބަދަލުތަކަކީ ވެސް ރަށްގިރުމަށް މެދުވެރިވާ ސަބަބެއް ކަމުގައި ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މިއިރުވައިގައި ރާއްޖޭގެ ބައެއްރަށްތައް ދަނީ ވަރަށް ބޮޑަށް ގިރަމުންނެވެ. ރަށް ގިރުން އިތުރުވެފައިވާތީ އެ މައްސަލަ ބައިނަލްއަޤްވާމީ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖްގެ މެމްބަރުން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން މަޖިލީޙުގެ ކޮމިޓީން ވަނީ އެކަމާއި ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ކަމާއިގުޅޭ އިދާރާތައް ގުޅިގެން ކުރަމުންދާ މަސައްކަތްތައް މަޖިލީހުގެ ކޮމިޓީން ރިވިއުކުރުމަށް ވަނީ ނިންމާފައެވެ.
އަދި ރަށްތައް ގިރަމުންދާ މައްސަލަތަކާ ގުޅިގެން މިހާރު އަޅަމުންދާ ފިޔަވަޅުތަކާއި ކުރުމަށް ރާވާފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުކުރުމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ހާޒިރުކުރުމަށްވެސް އެބައްދަލުވުމަށް މެމްބަރުން ވަނީ ހުށައަޅުއްވާފައެވެ.
މިހާރު ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަކީ މޫސުމީ ވޮޑިގިރުމާއި ޚިލާފަށް ދިމާވެފައިވާ މައްސަލައަކަށް ވާތީ އެކަމާއި ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާއި އެކު މަސައްކަތްކޮށް ރިޕޯޓެއް އެކުލަވާލުމަށްވެސް ވަނީ ނިންމާފައެވެ.