ޚަބަރު

އެއްގަރާޖަށް އެތައް ވެހިކަލެއް މިހާރުވެސް ދަނީ ރަޖިސްޓްރީ ކުރަމުން - އިންތި


އެއްގަމު ދަތުރުފަތުކުރުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ކިތަންމެ ޤާނޫނެއް ހެދިނަމަވެސް ޤާނޫނުތަކަށް އަމަލުކުރުމުގައި ނާޖާއިޒް ކަންކަން ހިންގާނަމަ އެކަމުން ރަނގަޅު ނަތީޖާއެއް ލިބިގެން ދާނެކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލަތީފް ހުށަހެޅުއްވި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ އެއްގަމު ދަތުރުފަތުރުކުރުމުގައި އެންމެ ބޮޑެތި މައްސަލަތައް ދިމާވެފައި ވަނީ މާލޭގައި ކަމަށެވެ.

މާލޭގައިވެސް މިކަން ހައްލުކުރުމަށް ދިމާވެފައިވާ އެންމެބޮޑު ދަތިކަމަކީ ޤާނޫނުގައި ވަކި ގޮތަކަށް ކަނޑައަޅާފައި ވާއިރުވެސް ވަކި މަންފާތަކެއް ކޮރަޕްޝަނަށް މަގުފަހިވާގޮތަކަށް ކަމާއިބެހޭ ފަރާތްތަކުންވެސް ބޭނުންކުރާތީކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން މާލޭގައި ހަތަރުފުރޮޅުލީ އުޅަދުތައް އެތެރެކޮށް ދުއްވޭނީ ޕާކްކުރާނެ ގަރާޖެއްގައި ރަޖިސްޓްރީ ކޮށްގެންކަމަށް ބުނެފައި ވާއިރު، އެއްގަރާޖެއްގައި އެތައް ކާރެއް ރަޖިސްޓްރީ ކޮށްދީފައިވާކަމީ މިކަން ވަރަށްބޮޑަށް ހާމަވާކަމެއްކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެބަފެނޭ ކާރުތައް ޕާކްކުރުމުގައިވެސް ކޮރެޕްޝަންގެ ތެރެއިން ނަމަވެސް އަމަލުކޮށް ބައެއްކަންކަން ކުރެވޭތަން. އެއްގަރާޖަކަށް އެތައް ވެކިހަލެއް އެދަނީ ރަޖިސްޓްރީ ކުރަމުން. މިމައްސަލަތައް ހައްލުވާންޖެހޭ." އިމްތިޔާޒް ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވީ އެއް ޤާނޫނު އަނެއް ޤާނޫނާއި ތަޢާރަޒުވާގޮތަށް ގާނޫނުތަކަށް އިސްލާހު ގެނައުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. ލާމަރުކަޒީ ގާނޫނުން ރަށްރަށުގައި ދުއްވާ އުޅަދުތައް ރަޖިސްޓްރީ ކުރުމައި، ފީނެގުމާއި، އެރަށަކަށް އެތެރެކުރެވޭނެ އަދަދު ކަނޑައެޅުމުގެ ޒިންމާ ކައުންސިލް ތަކަށް ލިބިދޭކަމަށެވެ.

ނަމަވެސް އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެންނަ އިސްލާހުތަކާއިއެކު ލާމަރުކަޒީ ގާނޫނުގައި ބުނާ މިފަދަ ކަންކަން ކައުންސިލްތަކަށް ނުލިބި އަނެއްކާވެސް މައިސަރުކާރުން ކޮންޓްރޯލްކުރެވޭ ގޮތަކަށް ބަދަލުވުމަކީ ކަންބޮޑުވާކަމެއްކަމަށް ރިޒާ ފާހަގަކުރެއްވިއެވެ.

"20 ކިލޯ 30 ކިލޯ މީޓަރު ހުންނަ ރަށްރަށުގައި، އެރަށްރަށުގައި އުޅޭމީހުންވެސް ވެހިކަލްތަކުގައި އުޅެންބޭނުންވާނެ. ކީއްވެތޯ ކޮންމެ އަތޮޅަކަށް ދީފައިވާ ރަޖިސްޓްރީ ނަންބަރުތަކާއި އެއްގޮތަކަށް އެރަށަކަށް އެތެރެކުރެވޭ އުޅަދުތަކުގެ ނަންބަރު ބޯޑްތައް ހެދުމުގެ އިޚްތިޔާރު ނުލިބެންވީ. ލާމަރުކަޒީ ގަނޫނުން މިބާރުތައް ކައުންސިލްތަކަސް ދިނުމަށްފަހު ޓްރާސްޕޯޓް މިނިސްޓްރީއަށް ހަމަ މިބާރުތައް ދިނުމަކީ ބަލައި ގަނެވޭނެ ކަމެއްނޫން." އަލީ ރިޒާ ވިދާޅުވިއެވެ.

އެއްގަމު ދަތުރުފަތުކުރުގެ މައްސަލަ ހައްލުކުރުމާއި ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވީ މިމައްސަލަ ހައްލުވާނީ ފަރުދީ ޒިންމާވެސް އަދާކޮށްގެންކަމަށެވެ. މާލެ ސިޓީ ކައުންސިލުން މާލޭގައި ގިނަ ޕާކިންޒޯންތަކެއް ހަނދައި ޕާކްކުރެވޭނެ ގޮތް ހެދިނަމަވެސް ޒޯންތަކުގެ ބޭނުން ނުހިފައި ޤާނުނާއި ޚިލާފަށް ޕާކްކޮށް ލައިސަންސް ނެތި ދުއްވުމަކީ އެކަންކަމަށް ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަންތައްތަކެއްގެ ގޮތުގައި މެމްބަރުންވަނީ ފާހަގަކުރައްވާފައެވެ.