ޚަބަރު

މިނިސްޓަރ ޝިދާތާ އިސްތިއުފާ ދެއްވާ- މެމްބަރުން


ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކަށް ހައްލެއް ނުހޯދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ނުކުރެވޭ މައްސަލާގައި ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮވާލައްވައިފިއެވެ.

މިނިސްޓަރ ޝިދާތާގެ އިސްތިއުފާއަށް މެމްބަރުން ގޮވާލާފައިވަނީ ޚާއްސަ އެހީތެރިކަން ބޭނުންވާ ކުދިންނާއި މީހުންނަށް އެހީވާ ފަރާތެއްކަމަށްވާ އަޙްމަދު ހިޝާނަކީ ޖިންސީ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހެއްކަން ފުލުހުންގެ އިންޓެލިޖެންސުން ޖެންޑަރ މިނިސްޓްރީއަށް އަންގާފައިވާއިރު އެކަން އެނގިތިބެ އަޅަންޖެހޭ ފިޔަވަޅު ނޭޅި މައްސަލާގައި މިއަދު މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުންނެވެ. މި މައްސަލައާބެހޭގޮތުން ވާހަކަ ދައްކަވަމުން މަޖިލީހުގައި ތިއްބެވި ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ މިނިސްޓަރ ޝިދާތާއަަށް މަޤާމުގެ މަސްޢޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރެވެމުން ނުދާކަމަށް ވިދާޅުވެ އެކަމަނާގެ އިސްތިއުފާއަށް ގޮވާލާފައެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.

މިމައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ ކުޑަކުދިނާ ގުޅުންހުރި އެތައް މައްސަލައެއް މިއަދުވެސް ނުބެލި މިނިސްޓްރީ ފެއިލްވަމުންދާއިރު ޝިދާތާ އެމަޤާމުގައި ހުންނެވުމަކީ ޤަބޫލު ކުރެވޭކަމެއްނޫނަކަމަށެވެ. އަދި އަމިއްލަ ފުޅަށް އިސްތިއުފާ ނުދެއްވާނަމަ މަޖިލީހުން އޭނާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ކުރާނެކަމަށްވެސް މީކާއިލްވަނީ ވިދާޅުވެފައެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ ހިޝާންއަށް ކުރެވޭ ސީރިއަށް ތުހުމަތުތަކަށް އެކަނި ބަލައިލުމުންވެސް ޖެންޑާ މިނިސްޓްރީގެ އިހުމާލުވުން ހާމަވާކަމަށެވެ. ހިޝާނަށް ސަރުކާރުން އެންބަސަޑަރުކަން ދެއްވައި ކުޑަކުދިންގެ ހައްގުގައި ވަކާލާކުރާ ވަރުގަދަ މީހަކަށް ކަނޑައަޅާފައިވަނީ މިކަންކަމަށް ކިހާވަރަށް ބަލާއިފައިކަންވެސް މަޖިލީހުން ބަލަންޖެހޭކަމަށް އީވާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިކަންކަމުގައި ޖެންޑަ މިނިސްޓްރީ ފެއިލްވެފައިވާކަން ހާމަވާއިރު މިވަގުތުން ވަގުތަށްވެސް މިނިސްޓަރ އިސްތިއުފާ ދެއްވަންޖެހޭކަމަށެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުންވަނީ ކުޑަކުދިންނަށް ކުރެވޭ ޖިންސީ ގޯނާތަކާއި، އިހުމާލުވުންތަކަށް އެއްވެސް ފިޔަވަޅެއް ނޭޅޭ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ކުޑަކުދިންގެ އިއްފަތްތެރިކަން ފޭރިގަނެ ކުޑަކުދިންނަށް ކުރާ ގޯނާގެ މައްސަލަތައް ސަރުކާރުުން ބޮޑެތި މަޤާމުތައް ދެއްވާފައިވާ ފަރާތްތަކުން ސީރިއަސް ކަމާއިއެކު ބެލުމަށް ކަމާއިބެހޭ ފަރާތްތަކަށް ވަނީ ގޮވާލާފައެވެ. މިމައްސަލާގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންވެސް ވަނީ ޖެންޑަ މިނިސްޓަރ އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ.

ހިޝާނަށް ޤައުމީ އިނާމު ދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ގައެވެ. އޭގެ ފަހުން މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު 3 އޭނާ އަށް ޑިސެބިލިޓީ އެމްބެސެޑަރުކަން، އާ ސަރުކާރުންވެސް ވަނީ ދީފައެވެ. ނަމަވެސް ޖިންސީ ގޯނާގެ ތުހުމަތުތައް ބަލަން ފެށުމާ އެކު މިހާރު ވަނީ އެމްބެސެޑަރުކަމުން ވަކިކޮށްފައެވެ. ކުޑަކުދިންނާއި ގުޅޭގޮތުން ސީރިއަސް މައްސަލަތަކެއް ކަމާއިބެހޭ ފަރާތްތަކަށް ހުށަހެޅެމުންދާ މިދަނޑިވަޅުގައި ގިނަބަޔަކުދަނީ ޖެންޑާ މިނިސްޓްރީއަށް މިކަންކަން ނުބެލޭކަމަށްބުނެ މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.