ޚަބަރު

ހަމަނުޖެހުން ހިންގި 3 ކެންޑިޑޭޓުންގެ ކެންޑިޑެންސީ ބާތިލްކޮށް އެމީހުންނާއި މެދު ފިޔަވަޅު އަޅަން ނިންމައިފި


ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ ޓިކެޓްގައިވާ ވާދަކުރެއްވި 3 ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާޠިލްކޮށް އެދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރާނީ އާއިޝަތު މޫސާކަމަށް އެމްޑީޕީން ކަނޑައަޅައިފިއެވެ.

ލޯކަލް ކައުސިލް އިންތިޚާބުގެ އެމް.ޑީ.ޕީ ޕްރައިމަރީގެ ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓާއިމެދު އުފެދުނު ހަމަނުޖެހުންތަކާއި ގުޅިގެން އެޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އެދާއިރާއަށް ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން އަޙުމަދު އާސިމް، އާއި އިބްރާހީމް މަނިކާއި، މުޙައްމަދު ފިޝާވިން ސަލީމް އިތުރު ބަޔަކާއެކު ޕާޓީ އޮފީސް ތެރެއަށް ވަދެ، ހަމަނުޖެހުން ހިންގައި، ވޯޓުފޮށި ޖަހައިގަނެ އޮފީހުން ބޭރަށް ގެންދިއުމަށްފަހު ފޮށި ހުޅުވައި އެ ފޮށީގައި ހުރި ވޯޓުކަރުދާސްތައް ނަގައި މަގުމައްޗަށް އުކާފައިވާކަމަށެވެ.

މިކަމަކީ އެހެން ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގެންފައިވާ ކަމަކަށް ވާތީ، އެކެންޑިޑޭޓުންގެ މި ޢަމަލަކީ ޕާޓީގެ މެންބަރުންގެ ސުލޫކާ ޚިލާފް، އަދި ޕާޓީގެ ނަމުގައި އިންތިޚާބީ މަޤާމަކަށް ވާދަކުރުމަށް މަސައްކަތްކުރާ ކެންޑިޑޭޓުންގެ ކިބައިން ފެނިގެންނުވާނޭފަދަ ޢަމަލަކަށްވާތީ، މިމައްސަލައިގައި ކަންހިނގައިދިޔަ ގޮތަށް ބެލުމަށްފަހު، މި 3 ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާޠިލުކޮށް ހެންވޭރު ހުޅަނގު ދާއިރާއިން މާލޭ ސިޓީ ކައުންސިލްއަށް ވާދަކުރާނޭ ކެންޑިޑޭޓަކީ އާއިޝަތު މޫސާ ކަމުގައި އެމްޑީޕީން ވަނީ ނިންމާފައެވެ.

އާއިޝަތު މޫސާއަށް ކެންޑިޑެސީ ދީފައިވަނީ ޕްރައިމަރީގައި ނެގި ވޯޓުގައި އާއިޝަތު މޫސާ އާއި އަޙްމަދު އާސިމްއަށް އެންމެ މަތީން ވޯޓުލިބި އެ ދެކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވަނިކޮށް ހިނގައިދިޔަ ހަމަނުޖެހުމަކާ ގުޅިގެން އަލުން ވޯޓު ގުނުމަށް ޕާޓީން ނިންމާފައިވަނިކޮށް 5 ފެބްރުއަރީ 2020 ވަނަ ދުވަހު ހިންގި ހަމަނުޖެހުމާ ގުޅިގެން އަޙްމަދު އާސިމްގެ ކެންޑިޑެސީ ބާޠިލުވުމުގެ ސަބަބުންކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ހެންވޭރު ހުޅަނގު ދާއިރާގައި ހިނގައިދިޔަ ހަމަނުޖެހުމުގައި ޝާމިލުވި ފަރާތްތަކުގެ ސުލޫކީ މައްސަލަ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް މިހާރު ހުށަހަޅާފައިވާ ކަމުގައިވެސް އެޕާޓީން ބުނެއެވެ.