ޚަބަރު

ޕްރައިމަރީއަކާ ނުލައި 450 ކެންޑިޑޭޓަކަށް ޕީޕީއެމްގެ ޓިކެޓް ކަށަވަރުވެއްޖެ


ކައުންސިލް އިންތިޚާބްގައި އިދިކޮޅު ޕީޕީއެމް ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން 450 ކެންޑިޑޭޓަކަށް ޕްރައިމަރީއަކާއި ނުލައި ޓިކެޓް ކަށަވަރުވެއްޖެއެވެ.

ޕީޕީއެމް ޕީއެންސީއިން ރޭ ބޭއްވި ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، މާދަމާ އޮންނަ ޕްރައިމަރީއަށް އެޕާޓީން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ. މާދަމާ ބާއްވާ ޕްރައިމަރީގައި 1146 ކެންޑިޑޭޓުން ވާދަކުރާއިރު ޕްރައިމަރީ ކުރިއަށްދާނީ މާދަމާ މެންދުރުފަހު 2އިން ފެށިގެންކަމަށް އެޕާޓީން ބުނެއެވެ. މާލޭގައި ވޯޓްލުން ކުރިއަށްދާނީ ދަރުބާރުގޭގައެވެ.

ޖޮއިންޓް ކައުންސިލް ބައްދަވުމުގައިވަނީ ކައުންސިލް އިންތިޚާބުގައި އިތުރުބަޔަކާއި ކޯލިޝަން ހަދާނަމަ އެބަޔަކާއިއެކު ކޯލިޝަން ހަދާނެ ޝަރުތުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ކޯލިޝަން ހަދާ ޕާޓީއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއަކަށް ނުވުމާއި، ރައީސް ޔާމީން ދޫކޮށްލުމަށް މަސައްކަތް ކުރާ ޕާޓީއަކަށް ވާންޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.

މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވީ ޕީޕީއެމްގެ ހުރިހާވެސް އަމާޒެއް އޮތީ ރައީސް ޔާމީން މިނިވަން ކުރުމަށްކަމަށެވެ. ކައުންސިލް އިންތިޚާބަކީ އެމަނިކުފާނު މިނިވަން ކުރުމަށް ގައުމީ ފެންވަރެއްގައި ކުރެވޭ ވަރަށްބޮޑު މަސައްކަތެއްގެ ގޮތުގައި އޭނާވަނީ ފާހަގަކުރައްވާފައެވެ. އަދި މިއިންތިޚާބް ޕީޕީއެމަށް ކާމިޔާބުކުރުމަށް ޕްރައިމަރީއަށްފަހު ހުރިހާ ކެންޑިޑޭޓުން އެކީގައި މަސައްކަތްކުރުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ.

ކައުންސިލް ބައްދަދަލުވުމުގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުންވަނީ ޕީޕީއެމްއިން މާޒީގައި ކޯލިޝަނެއްގައި މަސައްކަތްކުރުމުން ލިބުނު ހިއްދަތިކަން އަލުން އިޔާދަކުރަން ބޭނުން ނުވާކަމަށް ވިދާޅުވެފައެވެ.