ޚަބަރު

ސިވިލްސާވިސް ކޮމިޝަންގެ 4 މެމްބަރަކާއިމެދު އަޅާނެ ފިޔަވަޅެއް އަންނަ ހަފްތާގައި ނިންމަނީ!


ޤާނޫނު އަސާސީގެ ދަށުން ލިބޭ އެތައް ޙައްޤެއް ހަނިވާގޮތަށް ސިވިލްސަރވިސް ކޮމިޝަނުން ފާއިތުވެދިޔަ ދުވަސްތަކުގައި ނިންމާފައިވާ ނިންމުންތަކުގައި ޝާމިލުވާ 4 މެމްބަރުންނާއި މެދު އަޅާނެ ފިޔަވަޅެއް މިފެށޭ ހަފްތާގައި ނިންމާނެކަމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގެ ކޮމިޓީގެ މުޤައްރިރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ސިވިލްސާވިސް ކޮމިޝަންގެ 4 މެމްބަރަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ބަލަމުންދާ މައްސަލަތަކާއި ގުޅޭގޮތުން ކޮމިޝަންގެ މުޤައްރިރު ރޮޒޭނާ އާދަމް ވިދާޅުވީ މިހާރު 4 މެމްބަރުންވެސް ކޮމިޓީއަށް ހާޒިރުކޮށް ކޮމިޓީން އޮޅުންފިލުންވަންޖެހޭ ކަންކަން ސާފުކޮށްފައި ވާކަމަށެވެ.

ކޮމިޓީން ބަލަމުންދިޔަ މައްސަލަތަކުގައި ކޮމިޓީއަށް ހާޒިރުކޮށްފައި ވަނީ ސިވިލްސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި، ނާއިބު ރައީސް ޝަހީދު މުޙައްމަދާއި މެމްބަރު ޒަކަރިއްޔާ ޙުސައިނާއި މެމްބަރު އިބްރާހިމް ޝަހީގެވެ.

މިބޭފުޅުންނާއި ގުޅޭގޮތުން މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ބަލާފައިވަނީ މައިގަނޑު 5 މައްސަލައެކެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލްސާވިސް މުވައްޒިފުން ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެފައިވާ ނާއިންސާފު ގޮތްތަކުގެ މައްސަލައާއި، އޮފީސްތަކުގެ ބައެއް ޕާމަނަންޓް ސެކްރެޓެރީން އައްޔަންކުރުމުގައި ނޫފޫޒު ބޭނުންކުރުމާއި، ކޮމިޝަންގެ ބައެއް މަޤާމުތަކަށް މުވައްޒިފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތާއި، ކޮމިޝަންގެ މެމްބަރުންގެ މެދުގައި ހުރި މައްސަލަތައްވެސް މީގެ ތެރޭގައި ހިމެނެއެވެ.

މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ނިމިދިޔަ ދައުރުގެ ތެރޭގައި ކޮމިޝަންގެ ރައީސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު، އަނެއް 3 މެމްބަރުންނާއި ސުވާލުކޮށް މައުލޫމާތު ސާފުކޮށްފައިވަނީ އިއްޔެއެވެ. މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ. ކޮމިޓީގެ މުޤައްރިރު ރޮޒޭނާ ވިދާޅުވީ ކޮމިޓީން މި 4 ބޭފުޅުންނާއި ގުޅޭގޮތުން ބަލަމުންދިޔަ މައްސަލަތައް ކޮމިޓީއަށް ސާފުވެފައިވާކަމަށެވެ. އަދި އަންނަ ހަފްތާގެ ކޮމިޓީގެ ބައްދަލުވުމުގައި މިބޭފުޅުންނާއިމެދު ކޮމިޓީން ނިންމާނެ ވަކިގޮތެއް ކަނޑައެޅިގެންދާނެކަމަށެވެ.