ޚަބަރު

ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް 3 ފަރާތަކުން ފޯމް ހުށަހަޅައިފި


ކައުންސިލް އިންތިޚާބްގައި ވާދަކުރުމަށް މިހާތަނަށް 3 ފަރާތަކުން ފޯމް ހުށަހަޅުއްވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އިންތިޚާބް އެއްދުވަހެއްގައި ބޭއްވުމަށް ނިންމާފައިވުމުން ގިނަބަޔަކު މި ދެ އިންތިޚާބްގައި ވާދަކުރައްވާނެކަމަށެވެ. ގިނަބަޔަކު ވާދަކުރާ އިންތިޚާބަކަށް މި ދެއިންތިޚާބުވުމުން އިންތިޚާބްގައި ވާދަކުރައްވާ ފަރާތްތަކުން ދުރާލާ ވީހާވެސް އަވަހަކަށް ފޯމް ހުށަހެޅުއްވުމަށް އަކްރަމްވަނީ އެދިވަޑައިގެންފައެވެ.

ކޮންމެ މީހެއްގެ ފޯމަކީވެސް އިލެކްޝަންސް ކޮމިޝަނުން ވަކިން ޗެކްކޮށް، ބަލަންޖެހޭ ހުރިހާ ކަމެއް ބަލާނެ ފޯމަކަށްވުމުން، ދުރާލާ ފޯމުތައް ހުށަހަޅުއްވައިފިނަމަ އިލެކްޝަންސް ކޮމިޝަނަށްވެސް ފޯމް ހުށަހެޅުމުގައި މާބޮޑު ދައްޗެއް ކުރިމަތި ނުވާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާލާފައެވެ. ފޯމުތައް ހުށަހެޅުމުގައި ކަނޑައެޅިފައިވާ ތާރީޚުތައް އޮޅުވާނުލައި، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގަންނަވައެވެ.

އިންތިޚާބުގައި ވާދަކުރާ ފޯމްތައް ހުށަހެޅުމުގައި ކޮންމެ ބޭފުޅަކުންވެސް ކުށުގެ ރެކޯޑް ސާފުކުރާ ފޯމް ފުރުމުގައާއި، އައިޑީކާޑުފަދަ މުހިންމު ލިޔުންތަކުގެ މުއްދަތު ހަމަވެފައި އޮތްތޯބަލައި ދުރާލާ ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރެއެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި 1،900 އަށްވުރެ ގިނަ މީހުން އިންތިޚާބު ކުރަން ޖެހެއެވެ. ކައުންސިލްތަކަށް 980 ކެންޑިޑޭޓުން އަދި އަންހެނުންގެ ކޮމެޓީއަށް 930 ކެންޑިޑޭޓުން އިންތިޚާބު ކުރާއިރު، އިންތިޚާބުގައި 6،000 އަށް ވުރެ ގިނަ މީހުން ވާދަކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ލަފާކުރެއެވެ.